އީރާނު ހަނގުރާމަ ވަރަށް އަވަހަށް ނިމެނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ، ވޮޝިންޓަން ޑީސީގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުންނެވެ.

އެމެރިކާގެ ރައީސް ބުނީ، އީރާނު ވަރަށް ބޮޑަށް ނާކާމިޔާބުވަމުންދާ ކަމަށާއި "އެކަން ވަރަށް އަވަހަށް ނިމޭނެ" ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެކަމަކު، އެކަން ކުރާނީ ކޮން ގޮތަކަށް ކަމެއް އެމެރިކާގެ ރައީސް ނުބުނެއެވެ.

ހަނގުރާމަ ހުއްޓާލުމާއި ހޮރްމޫޒު ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ނިއުޔޯކްގައި އިތުރު މެސެޖްތަކެއް ބަދަލުކޮށް، އީރާނުގެ ހުށަހެޅުންތަކަށް ބަދަލުތަކެއް ގެނެސް އެމެރިކާއަށް ވަނީ ހުށަހަޅާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާއިން ދޭ އެންމެ ފަހުގެ ޖަވާބު މީޑިއޭޓަރުން މާދަމާގެ ވަގުތެއްގައި އީރާނަށް ފޯރުކޮށްދޭނެ ކަމަށެވެ.

ނަމަވެސް، އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ހޮރްމޫޒު ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނުން އެމެރިކާއަށް ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނޭ ކަމަށެވެ.

އެމެރިކާއިން އީރާނަށް ހަމަލާދީ، ބިރުދައްކައި އިންޒާރު ދެމުންގެންދަނީ ހޮރްމޫޒު މައްސަލައިގައެވެ. ހޮރްމޫޒުން ތެޔޮ ބޭރު ނުކުރެވިގެންނެވެ.

އެމެރިކާގެ ރައީސް ބުނީ، ހަމގުރާމަ ނިމުމަކަށް ގެނެވި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައްވެސް އިންތިހާއަށް ތިރިވެގެންދާނޭ ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައަކީ އެމެރިކާއިން ކޮށްފައިވާ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ތާރީޚް ޢިލްމުވެރިން ލިޔާނެ ކަމަށްވެސް ޓްރަމްޕް ދައުވާކޮށްފައި ވެއެވެ.

ޓްރަމްޕްގެ ވާހަކައިގައި، އީރާނަށް "ނިއުކްލިއަރ ހަތިޔާރެއް ނުލިބޭނޭ" ކަމަށް ތަކުރާރުކޮށް ބުނެފައި ވެއެވެ.

އެކަމަކު، އީރާނުގެ ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ނިއުކްލިއަރ ހަތިޔާރު ތަރައްގީކުރަން އީރާނުން މަސައްކަތް ނުކުރާ ކަމަށާއި، އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.