ހޮރްމޫޒު ކަނޑުއޮޅި ސަރަހައްދަށް ވަދެއުޅުނު އެމެރިކާގެ ޑްރޯންއެއް، އީރާނު ސިފައިން އަނެއްކާވެސް ވައްޓާލައިފިއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުގެ ވައިގެ ސިފައިން ހަމަލާދީ ވައްޓާލާފައިވަނީ އެމެރިކާ ސިފައިން ބޭނުންކުރާ މީހަކާ ނުލައި އުދުހޭ ބާވަތުގެ އެމްކިޔޫ-1 ގެ ޑްރޯންއެކެވެ.
މިއީ، އީރާނު ސިފައިންގެ އަސްކަރީ ހަރަކާތްތަކަށް ފާރަލާން ވަދެއުޅުނު ޑްރޯންއެކެވެ.

ހޮރްމޫޒު ސަރަހައްދަށް ވަދެއުޅޭ އެމެރިކާ ސިފައިންގެ ޑްރޯންތައް އީރާނުން ދޭތެރެ ދޭތެރެއިން ހަމަލާދީ ވައްޓާލަމުން ގެންދެއެވެ.
އެމެރިކާގެ ޑްރޯންއެއް އީރާނުން މި ވައްޓާލީ، އީރާނުގެ ވައިގެ ސަރަހައްދަށް އާދަޔާ ޚިލާފް އުޅަނދެއް އިއްޔެ ވަދެ އުޅޭނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ. ބައެއް ފަރާތްތަކުން ބުނަނީ އެއީ ޔޫއެފްއޯއާ ވައްތަރު އުޅަނދެއް ކަމަށެވެ. ނަމަވެސް އެއީ، ސީދާ ކޮން ބައެއްގެ އެއްޗެއް ކަމެއް ސާފެއް ނުވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެކުރިންވަނީ، ދުނިޔެ މިހާތަނަށް ދެކިފައިނުވާ ބާވަތުގެ ހަތިޔާރު އެމެރިކާ އަސްކަރިއްޔާގައި އެބަހުރި ކަމަށް ބުނެފައެވެ.
އީރާނު އަސްކަރިއްޔާއިން އިއްޔެ ބުނެފައިވަނީ، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފެށުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމާގުޅޭ މަޝްވަރާތައްވެސް ބާއްވާފައިވާ ކަމަށް ބުނެފައި ވެއެވެ.
އެމެރިކާއިން އީރާނަށް އަލުން ހަމަލާ ދީފިނަމަ އެމެރިކާއާއި އަދި އެކަމުގައި ބައިވެރިވާ ގައުމުތަކަށް ވަރުގަދަ އަދި ވޭންދެނިވި ރައްދު ހަމަލާތަކެއް ދޭނޭ ކަމަށާއި، އެކަމަށް ތައްޔާރަށް ތިބި ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ހާމަކޮށްފައި ވެއެވެ.
އީރާނުން ރައްދު ހަމަލާތައް ދިނުމަށް އައު ހަތިޔާރާއި އަދި އައު އަމާޒުތައް ކަނޑައަޅާފައިވާ ކަމަށްވެސް އިންގިލާބީ ލަޝްކަރުން ބުނެފައި ވެއެވެ. ރައްދު ހަމަލާތައް ދިނުމަށް ކަނޑައެޅި އައު އަމާޒުތަކަކީ މީގެކުރިން އީރާނުން ހަމަލާ ދީފައި ނުވާ ކަމަށް ތަންތަން ކަމަށްވެސް ބުނެފައި ވެއެވެ.
އީރާނުގެ އިންޒާރުތަކާ ގުޅިގެން އީރާނަށް ނިސްބަތްކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ “މުޅި ގައުމު ގޮއްވާލާނެ ކަމުގެ” އިންޒާރު ދީފައެވެ.










ކިޔުންތެރިންގެ ހިޔާލު