ކުވައިތަށް އަމާޒުކޮށް ފޮނުވަމުންދާ މިސައިލާއި ޑްރޯންތައް، ކުވައިތުގެ އެއަރ ޑިފެންސުން ވައްޓަމުން ގެންދާ ކަމަށް ކުވައިތު އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

ކުވައިތުން އިވެމުންދާ ބާރުގަދަ އަޑުފަށްގަނޑުތަކަކީ އެއަރ ޑިފެންސް ސިސްޓަމްތަކުން މިސައިލާއި ޑްރޯން އިންޓަރސެޕްޓް ކުރަމުންދާ އަޑުތައް ކަމަށްވެސް ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާ ރިޕޯޓްތައް ބުނަނީ، ކުވައިތަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާ ދެމުންގެންދަނީ އީރާނު ވައިގެ ސިފައިން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އީރާނުން ހަމަލާ ދެމުންގެންދަނީ ކުވައިތުގެ އަލީ އައް ސާލިމް އެއަރބޭސްއަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިއީ އެމެރިކާ ސިފައިން ގާއިމްވެ ތިބޭ ބޭސްއެކެވެ.

އީރާނުން މި ބޭސްއަށް ހަމަލާ ދެމުންގެންދަނީ އީރާނުގެ ދެކުނުގެ އުމައިދިއްޔާގައި ހުންނަ އީރާނުގެ އިންގިލާބީ ލަޝްކަރުގެ އެއިރޯސްޕޭސް ފައުޖުގެ ރާޑަރާއި، ކޮމާންޑް އަދި ކޮންޓްރޯލް ސެންޓަރަށް އެމެރިކާ ސިފައިން ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

އީރާނުގެ ދެކުނުގައި ގާއިމްކޮށްފައިވާ އިންގިލާބީ ލަޝްކަރުގެ ބެލިސްޓިކް މިސައިލް ބޭހަށް ހަފްތާ ބަންދުގައި ހަމަލާދިން ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކުރިން ބުނެފައި ވެއެވެ.

އެ ތަނަށް ހަމަލާދިނީ، އަރަބި ކަނޑުގައި އޮތް އެމެރިކާގެ ލަޝްކަރަށާއި، މަނަވަރުތަކަށް ނުރައްކާ ކުރުމުން ކަމަށްވެސް، ސެންޓްރަލް ކޮމާންޑުން ބުނެފައި ވެއެވެ.