ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އެ ގައުމަށް އެނބުރި ވަޑައިގެންފި ނަމަ އެ ކަމަނާ ވަގުތުން ހައްޔަރުކޮށް ޖަލަށް ލާނެ ކަމަށް އެ ގައުމުގެ މިހާރުގެ ސަރުކާރުން ބުނެފިއެވެ. އިންޑިއާގައި މި ވަގުތު ދިރިއުޅުއްވަމުން ގެންދަވާ ހަސީނާ ވަނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ގައުމަށް އެނބުރި ވަޑައިގަތުމަށް ނިންމަވައި، އައު ޕާސްޕޯޓަކާއި އައިޑީ ކާޑެއް ހެއްދުމަށް ބަންގްލަދޭޝްގެ އިދާރާތަކުގައި އެދިވަޑައިގެންފައެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން ވަނީ އެ އެދިލެއްވުމަށް ދެކޮޅު ހަދައިފައެވެ.
ބަންގްލަދޭޝްގައި 2024 ވަނަ އަހަރުގެ އޮގަސްޓު މަހު ދަރިވަރުން ނުކުމެ ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ހަސީނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވައި އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފައެވެ. ހަސީނާ އެނބުރި ގައުމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، އެ ކަމަނާގެ ސިޔާސީ ޕާޓީ ކަމަށްވާ އަވާމީ ލީގުގެ މެންބަރުންނާއި ސަޕޯޓަރުން ދަނީ ބަންގްލަދޭޝްގައި ހަމަނުޖެހުން ހިންގައި ހަލަބޮލިކަން އުފައްދަމުންނެވެ.
ބަންގްލަދޭޝް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ހަސީނާއަކީ ކުށްވެރިއެއްގެ ގޮތުގައި އިންޑިއާއިން އަނބުރާ ގެނައުމަށެވެ. އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝާމާ އުބައިދު އިސްލާމް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާގެ ދަށުން ހަސީނާ ހަވާލުކުރުމަށް އިންޑިއާގައި އެދެމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އިންޑިއާގެ ޚާރިޖީ ވުޒާރާއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ހަސީނާ އެނބުރި ބަންގްލަދޭޝްއަށް ވަޑައިގެންފި ނަމަ އެ ކަމަނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ މަރުގެ ހުކުމަކާއެވެ. 2024 ވަނަ އަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ކުށުގައި، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އެ ކަމަނާގެ ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވައިފައެވެ. އދ. އިން ހާމަކޮށްފައިވާ ގޮތުގައި އެ ދުވަސްވަރު ހިނގި ހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 1،400 އެއްހާ މީހުން ވަނީ މަރުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.