ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ އެމް.ޑީ. ނަޒްމުލް އިސްލާމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިއްޔެ، ރައްޔިތުންގެ މަޖިލިސް ކުރާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ވަރަށް ގާތް އަދި ބަދަހި ގުޅުމެއް އޮންނަ ޤައުމެއްކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް މަޖިލީހުގެ ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝް ސަފީރު ހިޒް އެކްސެލެންސީ ޑޮކްޓަރ އެމް.ޑީ. ނަޒްމުލް އިސްލާމް، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.