ގައުމީ ވޮލީބޯޅަ ލީގުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާ ޕޮލިސް ކުލަބުން ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް ވޮލީ ސީޒަނުގެ މުބާރާތަކުން ޗެމްޕިއަންކަން ހޯދައިފިއެވެ.
ޕޮލިސް ކުލަބަށް އެންމެ ފަހުން ހޯދުނު ކާމިޔާބީއަކީ 2019 ވަނަ އަހަރުގެ ގައުމީ ލީގެވެ. އޭގެ ފަހުން ވޭތުވެދިޔަ ހަތް އަހަރު އެ ޓީމަށް ވޮލީ ސީޒަނުގެ ބޮޑު ތިން މުބާރާތުގައި ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.
ގައުމީ މުބާރާތުގެ ފައިނަލް ކުރިން ބާއްވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ރެޔަށެވެ. އެކަމަކު، ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހެނީ ކަމަށްބުނެ ވީއޭއެމް އިން ވަނީ މުބާރާތުގެ ފައިނަލް އަންގާރަ ދުވަހުގެރޭ ކުޅެން ނިންމައިފައެވެ.
އޭގެ ގެއްލުން އެންމެ ބޮޑަށް ލިބުނީ ސިފައިންނަށެވެ. ސިފައިން ފައިނަލަށް ނުކުތީ ބިދޭސީ ކުޅުންތެރިންނާ ނުލައެވެ. އެއީ ބިދޭސީ ކުޅުންތެރިން އެހެން މުބާރާތެއް ކުޅެން ޖެހޭތީ އަންގާރަ ދުވަހު ފުރައިފައިވާތީއެވެ.
މި މެޗަށް ސިފައިން ނުކުތްއިރު، ބިދޭސީ ކުޅުންތެރިންގެ އިތުރުން ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އާދަމް ފައިރޫޒް އަދި ސެޓަރު ހުސެއިން ޝާހިދުވެސް ކުޅެފައިނުވެއެވެ.
ޕޮލިހުން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 25-11، 25-18 އަދި 25-20 އިންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަކީ ޕޮލިސް ކުލަބްގެ އަންދްރޭ ވެސިލެންކޯ، އަލީ މައުރޫފް، އަހުމަދު ނާފިއު އަދި ދިވެހި ސިފައިންގެ ކުލަބްގެ އަހުމަދު ނަބީލް އެވެ. އެންމެ މޮޅު ކޯޗަކީ ޕޮލިހުގެ ކޯޗު ނަސުރުﷲ ތޯހާއެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފައިނަލުގައި ސިފައިން ބަލިކޮށް ޕޮލިސް ކުލަބުން ޗެމްޕިއަންކަން ހޯދައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.