ބަނޑޭރިކޮށި ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޚިދުމަތުގައި ތިބޭ ސިފައިންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ބަނޑޭރިކޮށި ތަރައްޤީ ކުރަން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އެ މިނިސްޓްރީން ބުނީ ސިފައިންނަކީ، ޙާލަތާއި ވަގުތާއި ތަނަށް ރިޢާޔަތްކޮށް އާއިލާއާއި ދުރުގައި ރެއާދުވާލު ޤައުމީ ޚިދުމަތުގައި ގިނަވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވުމާއެކު، ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ފޯރުކޮށްދޭ ވެލްފެއަރގެ ޚިދުމަތްތައް ރަނގަޅުކޮށް ތަރައްޤީކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށެވެ. މިގޮތުން ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވުޒާރާއާއި އެމްއެންޑީއެފްއިން ޚާއްޞަ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ ކަމަށެވެ.

ސިފައިން ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުޅާވެ ތަރައްޤީވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މި ޚިދުމަތާއި ގުޅެމުންދާ ސިފައިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، ބޯހިޔާވަހިކަމަށް އެދިހުށަޅާ ނިސްބަތް އިތުރުވުމުގެ ސަބަބުން، ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް މިއަހަރުގެ ސިފައިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައި ކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިޝްތިހާރު އިޝްތިހާރު

ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްގީކޮށް، ވީހާވެސް ގިނަ ޢަދަދެއްގެ ސިފައިންނަށާއި ފުލުހުންނަށް، ޚިދުމަތުގެ މުއްދަތުގައި، ބޯހިޔާވަހިކަން ލިބިދެވޭނެގޮތަށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މި މަޝްރޫޢޫ ކުރިއަށް ގެންދިއުމަށް ބަނޑޭރިކޮށި ހުސްކުރަންޖެހޭތީ، މިކަންކުރުމުގައި މިތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތި ވީހާވެސް ކުޑަކުރުމަށްޓަކައި، މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށާ މިގޮތުން ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއާއި އެމްއެންޑީއެފްގެ ފަރާތުން ދަނީ ވަމުން ކަމަށްވެސް ބުންޏެވެ.

މިގޮތުން ބަނޑޭރިކޮށި 1 އިން ސިފައިންނަށާއި ފުލުހުންނަށް ވަގުތީގޮތުން ދިރިއުޅުމަށްޓަކައި ދޫކުރެވިފައިވާ އެޕާރޓްމެންޓްތައް ހުސްކުރުމުގެ ކުރިން އެފަރާތްތަކަށް މިމަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވާގޮތުގެ މަޢުލޫމާތު ހިއްސާކޮށް، އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަށް އަޑުއަހާ، ޙައްލުތައް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ބަނޑޭރިކޮށި 1 ތަރައްޤީކުރެވުމާއެކު، މިހާރު ބަނޑޭރި ކޮށި 1 ގައި ދިރިއުޅެމުންދާ ފަރާތްތައް، އަލަށް ތަރައްޤީކުރެވޭ އެޕާރޓްމަންޓް ތަކަށް ބަދަލުކުރާ ގޮތަށެވެ. މި މަޝްރޫޢު ނިމޭއިރު މިހާރު ބަނޑޭރިކޮށީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040 ވަނަ އަހަރު އަންނަ އިރު ސިފައިންނަކީ ވަޞީލަތްތައް ފުރިހަމަވެފައިވާ ތަރައްޤީވެފައިވާ ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ދެވޭ ފެންވަރަށް ރައްޔިތުންނަށް ސިފައިން ދޭ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.