ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ސްޕެއިންގެ ވިޔަރެއާލްގެ މައްޗަށް 0-6 ގެ ބޮޑު މޮޅެއް ހޯދައި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގައި ދަމަހައްޓަމުން އަންނަ ސައްތައިންސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ.
ވިޔަރެއާލްގެ އެސްޓާޑިއޯ ޑެ ލަ ސެރާމިކާގައި ކުޅުނު މި މެޗުގައި ފަބިއަން ރުއިޒް އަދި ޔާއޯ ނެވޭސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅޭ ޕީއެސްޖީން ވަނީ މެޗު ފެށިގެން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ ފުރަތަމަ 17 މިނެޓުގެ ތެރޭގައި ހަތަރު ލަނޑު ޖަހާފައެވެ. ވިލަރެއާލްގެ ޑިފެންސަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި، ޕީއެސްޖީން ވަނީ މެޗުގެ ފުރަތަމަ ވިހި މިނެޓުގެ ތެރޭގައި މެޗުގެ ކޮންޓްރޯލް އެއްކޮށް އަތުލާފައެވެ. މި މެޗަކީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީން ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ.
މުޅި މެޗު އެއްކޮށް ކޮންޓްރޯލް ކުރީ ޕީއެސްޖީންނެވެ. އެ ޓީމުން ވަނީ މެޗުގެ 71 އިންސައްތަ ބޯޅަ ހިފަހައްޓައި، ޖުމްލަ 22 ހަމަލާ އުފައްދާފައެވެ. އޭގެ ތެރެއިން 12 ހަމަލާއެއް ގޯލާ އަމާޒުކުރިއެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ، ފަބިއަން ރުއިޒް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނިސް ބޮލީ ވަނީ އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދީ ނަތީޖާ ފުރިހަމަކޮށްފައެވެ.
މި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި އެ ޓީމުގެ ފައިދާ ގޯލުގެ އަދަދު މިހާރު ވަނީ +15 އަށް އަރާފައެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެ ޓީމުން މިހާތަނަށް ދެއްކި އެންމެ ވަރުގަދަ އަދި އެންމެ ފުރިހަމަ އެއް ކުޅުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.