ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1ގައި އަމީން ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްގެން ތަރައްޤީކުރާ 364 ހައުސިންގ ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި ހައުސިންގ ޔުނިޓްތަކަކީ 3 ކޮޓަރީގެ، 900 އަކަފޫޓުގެ ތަންތަނެވެ. ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރާ މި ފްލެޓްތަކުގެ މަސައްކަތަކީ، މަރުކަޒީ ބޭންކް އެމްއެމްއޭއިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި، ބީއެމްއެލް ސަބްސިޑަރީ ކުންފުނި އެފޯޑަބަލް ހޯމް ލީސިންގއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޕްރޮޖަކްޓް ކޮންސަލްޓެންޓް މުޙައްމަދު ޝަރާހު ވިދާޅުވީ، ހުޅުމާލޭ ފޭސް1ގައި ތަރައްޤީކުރާ 3260 އެޕާޓްމަންޓުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، ފްލެޓްތަކަށް ބޭނުންވާ ޑިޒައިންކުރުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށެވެ. ފައުންޑޭޝަންގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށިފައިވާއިރު، އެ ޕްރޮޖެކްޓުގެ މަސައްކަތްވެސް 2028 ވަނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު ސުޕަރ ސްޓްރަކްޗަރ ނިންމާލާ، ދެން އަންނަ އަހަރު ފިނިޝިންގެ މަސައްކަތް ނިމޭނެ. 2028 ވަނަ އަހަރު ޖުލައި މަހަށް މުޅި މަޝްރޫޢު ނިންމާލުން އުއްމީދަކީ.
ޕްރޮޖަކްޓް ކޮންސަލްޓެންޓް މުޙައްމަދު ޝަރާހު ވިދާޅުވިއެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިންގެ ފޭސް1ގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިމޭނެކަމުގެ ފުރިހަމަ ޔަޤީންކަން ބީއެމްއެލުން ދެއެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، މިއީ ސަރުކާރެއްގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަޝްރޫޢު ފަށައި، އެ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމައި، އޭގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭނެ ފުރަތަމަ ހައުސިންގ މަޝްރޫޢަށް ވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގައި ގެދޮރު ހޯދުމަށް އޮތް ބޮޑު ޑިމާންޑަށް އެކަށީގެންވާ ދާއިމީ ލުޔެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ އިތުރުން ވިލިމާލޭގައިވެސް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން މާލޭ ސިޓީގައި ޖުމްލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާއިރު، މުޅި މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ އަދި ލުއިފަސޭހަ ޙައްލެއް ހޯއްދަވައިދެއްވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
އަދި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމައި، މި ޢިމާރާތްތަކުގެ ބޭނުން ރައްޔިތުންނަށް ވީ އެންމެ އަވަހަކަށް ލިބިގެންދާނެ މަގު ފަހިކުރުމަށްޓަކައި ކަމާބެހޭ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާކަންވެސް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.