ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ އާރްބީ ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި 73،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، ރެއާލް މެޑްރިޑުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. އެއާއެކު ލިބުނު ޖުމްލަ 9 ޕޮއިންޓާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ 4 ވަނައިގައެވެ. އަނެއްކޮޅުން ލެއިޕްޒިގަށް ކުޅުނު ތިން މެޗުން މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

މުޅި މެޗު ކޮންޓްރޯލްކޮށް، ހަމަލާތައް އުފައްދައިގެން ކުޅުނު ރެއާލް މެޑްރިޑުން ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މެޗުގެ ލީޑު ނެގީ ބެނާޑޯ ސިލްވާ ޖެހި ލަނޑުންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި އޭނާ ކާމިޔާބުކުރި މި ލަނޑަކީ ނިމިދިޔަ ހޫނުމޫސުމުގެ ޓްރާންސްފާގައި މެންޗެސްޓާ ސިޓީ ދޫކޮށް ރެއާލަށް ބަދަލުވި ފަހުން އޭނާ އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

އިޝްތިހާރު އިޝްތިހާރު

ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި، މެޗުގެ 52 ވަނަ މިނެޓުގައި ރެއާލްގެ ލީޑު ފުޅާކޮށްދިނީ ޒުވާން ކުޅުންތެރިޔާ އާޑާ ގުލާއެވެ. މިއީ ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 83 ވަނަ މިނެޓުގައި އެމްބާޕޭ ވެސް ވަނީ ލަނޑެއް ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. މިއީ މި ސީޒަނުގައި އޭނާ ކުޅުނު 12 މެޗުގައި ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.

އެމްބާޕޭގެ ލަނޑަށްފަހު މާގިނައިރުތަކެއް ނުވެ، މެޗުގެ 85 ވަނަ މިނެޓުގައި ގޮމިސް ވަނީ ލަނޑެއް ޖަހައި ލެއިޕްޒިގަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، 87 ވަނަ މިނެޓުގައި ޔާން ޑިއޮމޮންޑް ވަނީ އޭނާގެ ކުރީގެ ކްލަބް ކޮޅަށް ލަނޑު ޖަހައި ރެއާލް މެޑްރިޑަށް 4-1 ގެ ފުރިހަމަ މޮޅެއް ކަށަވަރުކޮށްދީފައެވެ.