އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ “މަގޭ ސުވާލަކީ” ދީނީ ޕްރޮގްރާމުގެ 100 ވަނަ އެޕިސޯޑު އަންނަ ހުކުރު ދުވަހުގެރޭ ޅ. ހިންނަވަރުގައި ބޭއްވުމަށް ނިންމައިފިއެވެ.
މިދިޔަ ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޔޫޓިއުބު މެދުވެރިކޮށް ގެނެސްދެމުން އަންނަ މި ޕްރޮގްރާމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ޕްރޮގްރާމެކެވެ. މިހާތަނަށް މި ޕްރޮގްރާމް މެދުވެރިކޮށް 1800 އަށް ވުރެ ގިނަ ސުވާލަށް ޝެއިހް މުޙައްމަދު އިބްރާހިމް ވަނީ ފުރިހަމަ ޖަވާބު ދެއްވާފައެވެ.
ހިންނަވަރު ކައުންސިލާއި އެ ރަށުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ މި ޚާއްސަ ޕްރޮގްރާމް އޮންނާނީ ހިންނަވަރުގައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެއްގަޑިއިރާއި 15 މިނެޓަށް ކުރިއަށްދާ މި ޕްރޮގްރާމް ވީހާވެސް ގިނަ މީޑިއާ ޕްލެޓްފޯމްތަކުން ގެނެސްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ޕްރޮގްރާމުގެ ޓީމުން ބުނެއެވެ. ޝެއިހް މުޙައްމަދު އިބްރާހިމްގެ ލޮލުގެ ފެނުން ގެއްލުނު ފަހުން، މިފަދަ ދީނީ ހަރަކާތަކަށް ރަށުން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށްވާތީ، މިއީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ޚާއްސަ ޕްރޮގްރާމެކެވެ.










ކިޔުންތެރިންގެ ހިޔާލު