ޅަވިޔަނި ހިންނަވަރުގެ އާބާދީ މަދުވިޔަ ނުދިނުމަށްޓަކައި އެ ރަށުގެ ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި ދެހާސް ރުފިޔާ ނަގަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ހިންނަވަރު ކައުންސިލުން ބުނީ މި ފީ ނަގަން ނިންމީ ރަށުގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާ މީހުންގެ ސަބަބުން ރަށުގެ އާބާދީއަށް ނުރަނގަޅު އަސަރު ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުންނެވެ. މީގެ އިތުރުން މިއީ ރަށުގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ގާތްގަނޑަކަށް ދެހާސް މީހުންގެ އާބާދީއެއް އޮންނަ ހިންނަވަރު ކައުންސިލުން އާންމުކުރި އެންގުމުގައިވާ ގޮތުން، މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ހިންނަވަރު ކައުންސިލްގެ ރައީސް މުޙައްމަދު އައްފާން ވިދާޅުވީ، އެ ނިންމުމަކީ ކައުންސިލްގެ ބައްދަލުވުމެއްގައި ހުރިހާ މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު އިއްތިފާގުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއް ރަށުން އަނެއް ރަށަށް ބަދަލުވުމުގެ އިހުތިޔާރު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. އެގޮތުން އެންމެ ގިނަ މީހުން ރަށްވެހިކަން ބަދަލު ކުރާ ތަނަކީ ވެރިކަން ކުރާ މާލެއެވެ.








ކިޔުންތެރިންގެ ހިޔާލު