ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއާއި އެ ވުޒާރާގެ މުވައްޒަފުންނާ ގުޅޭގޮތުން ހަޤީގަތާ ޚިލާފު އަދި ސާބިތުނުވާ މަޢުލޫމާތު އާންމު ނުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީއަށް ސޮއިނުކުރެއްވުމުން ސަފީރަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރެއް ސަމާލުކަމަށް އައުމާ ގުޅިގެން، އެކަން ސާފުކޮށްދިނުމުގެ ގޮތުން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
ޚާރިޖީ ވުޒާރާއިން ބަޔާންކޮށްފައިވާ ގޮތުގައި ސަފީރުން މަގާމަށް އައްޔަނުކުރުމާއި މަގާމުން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ޤާނޫނުގެ ދަށުން، ކަނޑައެޅިފައިވާ ވަކި އުޞޫލުތަކެއްގެ މަތީން ހިނގަމުންދާ ކަމެކެވެ. އެގޮތުން، ސަފީރުން ވަקުކުރުމުގެ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނީގޮތުން ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ނިންމަވަމުންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން، ނޫހެއްގައި ފެތުރި ޚަބަރުގައި ބަޔާންކޮށްފައިވާ ފަރާތަކީ 2024 ޖެނުއަރީ 3 އިން ފެށިގެން އެމްބެސެޑަރ އެޓް ލާރޖްގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށާއި، އަދި ސަފީރެއްގެ ގޮތުން އެ ބޭފުޅާ އައްޔަނުކުރައްވާފައިވަނީ 2024 އޮކްޓޯބަރު 30 ގައި ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެ އެވެ.
ފޮރިން ސާރވިސްގެ މުވައްޒަފުންގެ ސިޔާސީ ހަރަކާތްތަކާ ގުޅޭގޮތުން ވުޒާރާއިން ބުނީ، ފޮރިން ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން އެ ޚިދުމަތުގެ މުވައްޒަފުންނަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށެވެ. އަދި އެގޮތުގެ މަތީން، ޤާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް ސަރުކާރުން ނުވަތަ ވުޒާރާއިން އެއްވެސް މުވައްޒަފަކަށް މަޖުބޫރުކޮށްފައި ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.