އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން އަމާން ނުދޭނޭ ކަމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
އދގެ އާންމު މަޖިލީހުގައި ކުރެއްވި ތަގުރީރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައްދު ދެއްވަމުން އީރާނުގެ ރައީސް ވިދާޅުވީ، އެމެރިކާގެ ކުރިމަތީގައި އީރާނު ދުވަހަކުވެސް ބޯތިރި ނުކުރާނޭ ކަމަށެވެ.
އެމެރިކާއިން ކުރިމަތިކުރާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ފިއްތުންތަކާއި، ބިރުދެއްކުންތަކުން ހަމައެކަނި އިތުރުވެގެންދާނީ އީރާނުގެ ރައްޔިތުންގެ ދެކޮޅުވެރިކަން ކަމަށާއި، އެމެރިކާގެ ކުރިމަތީގައި އީރާނު ކުޑަކަކޫ ނުޖަހާނޭކަން ޓްރަމްޕް ދަންނަން ޖެހޭނޭ ކަމަށް ވިދާޅުވިއެވެ.

އީރާނުގެ ރައީސްގެ ތަގްރީރުގައި، އެމެރިކާއާއި އިސްތިއުމާރީ ދައުލަތުން އީރާނާ ދެކޮޅަށް ހިންގި އުދުވާނުތަކުގައި އަވަހާރަކޮށްލާފައިވާ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯފުޅާއި، އީރާނުގެ ތުއްތުކުދިން ކިޔަވާ ސްކޫލަށް ބޮންއަޅައި 120 ކުދިންނާއި މުދައްސިރުން ހިމެނޭހެން 168 މީހުން ޝަހީދުކޮށްލި ހަމަލާއާއި އަދި އެނޫންވެސް ޖަރީމާތަކުގެ ވާހަކަ ދައްކަވައި، މިއީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތައް ކަމަށް ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ޓެރަރިޒަމްގެ އެތައް އަމަލުތަކެއް ހިންގުމަށްފަހު، އީރާނަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް އެމެރިކާއިން ބުނަނީ ކޮން ގޮތަކުންތޯ، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ސުވާލު ކުރެއްވިއެވެ.
އީރާނުގެ ރައީސް ވިދާޅުވީ، އީރާނާ ދެކޮޅަށް އިސްވެ ހަނގުރާމަ ފެށީ އެމެރިކާއާއި އިސްރާއީލުން ކަމަށާއި، އީރާނުން ނޫން ކަމަށެވެ. އަދި އީރާނަކީ ދުވަހަކުވެސް ގައުމަކާ ދެކޮޅަށް ހަނގުރާމަކުރި ބައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ހޮރްމޫޒު ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނުގެ ރައީސް ވިދާޅުވީ، އީރާނަށް ބާރުފޯރުވަން ހޮރްމޫޒު ކަނޑުއޮޅި ބޭނުންކުރުމުގެ ފުރުސަތު އެހެން ބަޔަކަށް ނުދެއްވާނޭ ކަމަށެވެ.
ހޮރްމޫޒު ކަނޑުއޮޅިއަށް މިނިވަންކަމާއެކު ވަދެވޭނެ ގޮތް ހަދައި، އެމީހުންގެ މަސްލަހަތު ވަރުގަދަކޮށް، ހަމަ އެއާއެކު ހޮރްމޫޒުގެ ބޭނުންކޮށްގެން އީރާނުގެ މައްޗަށް އަނިޔާވެރިކަން އިސްކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނޭ ކަމަށްވެސް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު