އީރާނާއި އެމެރިކާއާ ދެމެދު އެމްއޯޔޫގައި ސޮއިކުރި ނަމަވެސް، ސްވިޒަރލޭންޑްގައި މާދަމާ ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން އަދިއޮތީ ކުރިއަށް ގެންދާ ގޮތަށްކަމަށް ސްވިޒަރލޭންޑުން ހާމަކޮށްފިއެވެ.

ކުރިން ހަމަޖެހިފައި އޮތީ އީރާނާއި އެމެރިކާއާ ދެމެދު ހެދި ހަނގުރާމަ ހުއްޓާލުމާ ގުޅޭ ކަންކަން ހިމެނޭ އެމްއޯޔޫގައި ސްވިޒަރލޭންޑްގައި ރަސްމީކޮށް މާދަމާ ސޮއިކުރާ ގޮތަށެވެ.

އެހެން ނަމަވެސް، އެމެރިކާއާއި އީރާނާއި ދެމެދު އެމްއޯޔޫގައި މިހާރު ވަނީ އިލެކްޓްރޯނިކަލީ ސޮއި ކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

އެމެރިކާގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އެމްއޯޔޫގައި ސޮއި ކުރައްވާފައިވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަ ޕެލަސް އޮފް ވާސައިގައި ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން ރޭގައި ބޭއްވި ޚާއްސަ ފަރީއްކޮޅެއްގެ ތެރޭގައެވެ.

ޕެލަސް އޮފް ވާސައި އަކީ ފަރަންސޭސި އެންމެ މަޝްހޫރު ރަސްގެފާނުގެ ގަނޑުވަރެވެ.

އެމްއޯޔޫގައި އީރާނުގެ ފަރާތުން ސޮއި ކުރެއްވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއެވެ. މަސްއޫދު ޕެޒެޝްކިއާން އެމްއޯޔޫގައި ސޮއިކުރެއްވީ ވެރިރަށް ތެހެރާނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އީރާނާއި އެމެރިކާއާ ދެމެދު ހެދި އެމްއޯޔޫ ތައްޔާރުކޮށްފައިވަނީ އިނގިރޭސި ބަހުންނާއި ފާރިސީ ބަހުންނެވެ.

މާދަމާ ސްވިޒަރލޭންޑްގައި ކުރިއަށްގެންދާ މަޝްވަރާތަކުގައި ހިމެނެނީ އެމްއޯޔޫ ތަންފީޒުކުރުމާ ގުޅޭ ބައިތައް ކަމަށް ސްވިޒަރލޭންޑް ސަރުކާރުގެ ޚާރިޖިއްޔާއިން ހާމަކޮށްފައި ވެއެވެ.

އެމެރިކާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް ކަމަށާއި، އީރާނުގެ ފަރާތުން ބައިވެރިވެވަޑައި ގަންނަވާނީ އީރާނު ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގާލިބާފާއި، ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މާދަމާ ސްވިޒަރލޭންޑްގައި ފަށަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ވާހަކަތައް ކަމަށް ބައެއް ރިޕޯޓްތައް ބުނިނަމަވެސް، ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ  ވާހަކަތައް ފެށުމަށް 60 ދުވަހުގެ މުހުލަތު އެމްއޯޔޫގައި ކަނޑައަޅާފައި ވެއެވެ.

އެމްއޯޔޫގައި ސޮއި ކުރުމާއެކު އެންމެ ފުރަތަމަވެސް ޖެހެނީ އެމެރިކާގެ ބްލޮކޭޑް އުވާލާށެވެ. އަދި އީރާނުން ހޮރްމޫޒު ކަނޑުއޮޅި އެއްވެސް ފީއެއް ނެގުމަކާ ނުލައި 60 ދުވަހަށް ހުޅުވާލަން ޖެހެއެވެ.

މީގެއިތުރުން، ލުބުނާނު ހިމެނޭހެން އިސްރާއީލުން ސަރަހައްދަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހެއެވެ. އެކަމަކު، ރިޕޯޓްތައް ބުނަނީ، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން އިސްރާއީލުން ދެކޮޅު ހަދަމުންދާ ކަމަށެވެ.