އދގެ އާންމު މަޖިލީހުގެ ޖަލްސާގެ ޕޯޑިއަމްގައި ވާހަކަ ދައްކަމުން އީރާނު "ނައްތާލާނޭ ކަމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުކުރީ ގޮތްހުސްވެ ނާއުންމީދުވެގެން ކަމަށް އީރާނުން ބުނެފިއެވެ.

އީރާނު އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ނެރުނު ބަޔާނެއްގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ އުދުވާނު ދިފާއުކުރަން ޓްރަމްޕް އދގެ ޕޯޑިއަމް ބޭނުންކުރުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، އެމެރިކާގެ ރައީސްގެ ވާހަކަތަކުން، އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގަމުންގެންދާ އުދުވާނުގައި އެމެރިކާ ބަލިވެ ނިކަމެތިވެ ގޮތްހުސްވެފައިވާކަން ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އީރާނު "ނައްތާލާނޭ ކަމަށް" ބުނެ އެމެރިކާގެ ރައީސް ތަކުރާރުކޮށް ދިން އިންޒާރުތަކަކީ، ބާރު ހުރިކަމުގެ ނިޝާނެއް ނޫން ކަމަށާއި، އެއީ ބަލިވެ ނިކަމެތިވެ ނާއުންމީދުވެފައިވާ ކަމުގެ ނިޝާނެއް ކަމަށްވެސް އީރާނު އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

ހަމައެއާއެކު، އީރާނަށް ދޭ އިތުރު ހަމަލާތަކަށް އެމެރިކާގެ ތަންތަނަށާއި، އިސްތިއުމާރީ ދައުލަތުގެ ތަންތަނަށް ރައްދުދޭން އީރާނުގެ ލަޝްކަރުތައް އޮތީ ފުރިހަމަ ތައްޔާރީގައި ކަމަށްވެސް، އީރާނު އަސްކަރިއްޔާގެ ބަޔާނުގައި އިންޒާރު ކޮށްފައި ވެއެވެ.

އީރާނުން ދެން ދޭ ރައްދު ހަމަލާތައް ވެގެންދާނީ، ހަނގުރާމައިގެ ކުރީކޮޅާ އަޅާބަލާއިރު ދުޝްމަނުން ހީވެސް ނުކުރާފަދަ މާ ވަރުގަދަ، ފުނޑުފުނޑުކޮށްލާފަދަ ހަމަލާތަކަކަށް ކަމަށްވެސް ބުނެފައި ވެއެވެ.

ދުނިޔޭގެ ލީޑަރުންގެ ކުރިމަތީގައި އީރާނު "ނައްތާލާނޭ ކަމަށް" އެމެރިކާގެ ރައީސް އިންޒާރު ކުރި މައްސަލަ އެމެރިކާގެ އެތެރެއިންނާއި، ދުނިޔޭގެ އެތައް ބަޔަކު ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

އީރާނުގެ މުޅި އިންސާނީ ނަސްލު ނައްތާލަން ގޮވާލުމަކީ ހަނގުރާމައިގެ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށްވެސް ބުނަމުން ގެންދެއެވެ.

އެމެރިކާގެ ސެނެޓަރެއް ކަމަށްވާ ބާރނީ ސޭންޑަރސް އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނީ، އީރާނު ނައްތާލަން ގޮވާލުމަކީ ޖައްބާރުކަމުގެ އަމަލެއް ކަމަށެވެ. އޭނާވަނީ، އީރާނާ ދެކޮޅަށް ޓްރަމްޕް ކުރަމުންދާ ހަނގުރާމައަކީ ޣައިރުގާނޫނީ ހަނގުރާމައެއް ކަމަށް ބުނެ އެ ހަނގުރާމަ ހުއްޓުވަން އެމެރިކާގެ ކޮންގްރެސްއަށް ގޮވާލާފައެވެ.