އީރާނުން އިސްރާއީލަށްދޭ އެއްވެސް ހަމަލާއެއްގައި ލުބުނާނުގެ ހިޒްބުﷲ ބައިވެރި ނުވުމަށް ގޮވާލައި އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ޔިސްރައިލް ކާޓްޒް، ހިޒްބުﷲއަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.
ކާޒް ބުނެފައިވަނީ، ކުރިއަށް އޮތްތަނުގައި އީރާނުން އިސްރާއީލަށް ދޭ އެއްވެސް ހަމަލާއެއްގައި ހިޒްބުﷲ ބައިވެރި ވެއްޖެނަމަ އިސްރާއީލު ސިފައިން ހިޒްބުﷲއަށް "ބޮޑެތި ގެއްލުން" ދޭނޭ ކަމަށެވެ.
ކަޓްޒްގެ އިންޒާރުގައި، އިސްރާއީލަށް ހަމަލާ ދިނުމުގައި ހިޒްބުﷲ ބައިވެރިވެއްޖެނަމަ ލުބުނާނުގެ ލިތާނީ ސަރަހައްދު ހިމެނޭ ގޮތަށް ލުބުނާނުގެ މުޅި ދެކުނު އިސްރާއީލު ސިފައިން ހިފާނޭކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.
އެ ސަރަހައްދުތައް ހިފުމަށްފަހު އެއީ، ދާއިމީ ގޮތެއްގައި އިސްރާއީލުގެ "ސެކިއުރިޓީ ޒޯން" ގެ ގޮތުގައި ކަނޑައަޅާނޭ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.
ޔިސްރައިލް ކާޓްޒްގެ އިންޒާރުގައި، ލުބުނާނުގެ ތެރެއިން އެއްވެސް ހަމަލާއެއް އިސްރާއީލުގެ އުތުރުގެ އަވަށްތަކަށް އަމާޒުވެއްޖެނަމަ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދަހިއްޔާ ހިމެނޭ އަވަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.
ދަހިއްޔާއަކީ ހިޒްބުﷲގެ ހަރަކާތްތަކުގެ މައި ރަށެވެ. ހިޒްބުﷲގެ ވެރިންގެ އިތުރުން، އީރާނުގެ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރުންވެސް އެ ސަރަހައްދުގައި ތިބޭ ކަމަށް ވެއެވެ.
އިސްތިއުމާރީ އިސްރާއީލުން ބެއިރޫތުގެ ދަހިއްޔާއަށް ހަމަލާ ދީފިނަމަ އިސްރާއީލަށް ހަމަލާ ދޭނޭ ކަމުގެ އިންޒާރު އީރާނުން މީގެކުރިން އެތައް ފަހަރަކު ދީފައިވެސް ވެއެވެ.
އީރާނާ ބައިވެރިވެގެން ހިޒްބުﷲއިން އިސްރާއީލަށް ހަމަލާ ދީފިނަމަ ހިޒްބުﷲގެ ތަންތަނަށް ވަރުގަދަ ހަމަލާތަކެއްދީ އަދި އިތުރު ބިންތައް ހިފާނެކަމުގެ އިންޒާރު، ޓެރަރިސްޓު ދައުލަތުގެ ޑިފެންސް މިނިސްޓަރު މިދިނީ، އެމެރިކާގެ ރައީސް ޓްރަމްޕާއި ނަތަންޔާހޫ ރާވައިގެން އީރާނަށް ހަމަލާދޭން އުޅޭކަމަށް ބެލެވެމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއި އިސްރާއީލުގެ ވެރިންގެ ވާހަކަތަކާއި، އަސްކަރިއްޔާތަކުގެ ހަރަކާތްތަކަށް ބަލާއިރު އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން ތައްޔާރުވަމުންދާ ކަމުގެ ނިޝާންތައް ފެންނަ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބްރުއަރީމަހު ހަނގުރާމަ ފެށުމުން، ހިޒްބުﷲއިން ވަނީ، އީރާނާ ބައިވެރިވެ އިސްރާއީލުގެ ރަށްތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފަށައިފިނަމަ ހިޒްބުﷲއިން އިސްރާއީލާ ދެކޮޅަށް ނުކުންނާނޭ ކަމުގެ އިންޒާރު އެ ޖަމާއަތުން ދެމުން ގޮސްފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު