މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ މިއަހަރުގެ ފުރަތަމަ ޚާއްޞަ ޢާންމު ޖަލްސާ އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ޖަލްސާ ކުރިއަށްދާނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ، އެމްއެސްޑީގެ އޮންލައިން ޖަލްސާ ނިޒާމު "ފަހިވޯޓު" މެދުވެރިކޮށެވެ.

އެމްއައިބީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޖަލްސާގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑާ ގުޅޭ މުހިންމު ކަންތައްތަކަކާމެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޯޑަށް އާއްމު ޑިރެކްޓަރަކު އައްޔަން ކުރުމާއި، ބޭންކުގެ ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބު ކުރާ ޑިރެކްޓަރަކު އައްޔަންކުރުން ހިމެނޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 10ވަނަ ދުވަހުގެ ހެނދުނު 10:30ގައި ކަމަށާއި، މިއަދު މެންދުރުފަހު 14:00 ހަމައަށް ބޭންކުގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެ، ވޯޓު ދިނުމުގެ ފުރުޞަތު ދީފައިވާ ކަމަށް އެބޭންކުން ބުނެއެވެ.

ޖަލްސާގައި ބައިވެރިވާން އެދޭ ޝަރުޠުހަމަވާ ޙިއްޞާދާރުން infinity.mv ޕޯޓަލް މެދުވެރިކޮށް ނުވަތަ [email protected] އަށް ރަޖިސްޓްރޭޝަން ފޯމު އީމެއިލް ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އަންނަ މަހުގެ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ހަމައަށް ރަޖިސްޓްރީވެވޭނެ ކަމަށްވެސް އެބޭންކުން ބުނެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްއިން މައުލޫމާތުދޭ ގޮތުގައި ރަޖިސްޓްރޭޝަން ފޯމު ބޭންކުގެ އިންވެސްޓަރ ރިލޭޝަންސް ވެބްސައިޓް (www.mib.com.mv/investor-relations) އިން ލިބެން ހުންނާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު، ބޭނުންވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތައް ހަމައަށް ހުރިކަން ކަށަވަރު ކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.

އެމްއައިބީގެ ޚާއްޞަ ޢާންމު ޖަލްސާގައި ބައިވެރިވުން ފަސޭހަކުރުމުގެ ގޮތުން ޝަރުޠު ހަމަވާ އެންމެހައި ޙިއްޞާދާރުން ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްވެސް އެބޭންކުން ވަނީ އެދިފައެވެ.

އިޝްތިހާރު އިޝްތިހާރު