މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބ. އަތޮޅުގައި ދެމުން އަންނަ ބޭންކިން ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ އަތޮޅު އޭދަފުށީގައި ބްރާންޗެއް ހުޅުވައި، އިތުރު ތިން ރަށެއްގައި 24 ގަޑިއިރު ހިދުމަތް ލިބޭ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެމްއައިބީން އޭޓީއެމްގެ ހިދުމަތް އަލަށް ފަށާފައިވަނީ އެއަތޮޅު ކެންދޫ، ގޮއިދޫ އަދި ބ. ތުޅާދޫގައެވެ. މި ރަށްރަށުގައި އޭޓީއެމް ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުތަކާއި އޭދަފުށީގެ ބްރާންޗު ރަސްމީކޮށް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.
އެ ރަށްރަށުގައި ބޭއްވި އިފްތިތާހީ ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންގެ އިތުރުން އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާއާއި، ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އަދި ޗީފް އެކްސްޕީރިއަންސް އޮފިސަރު ނީރައިން ޖަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭދަފުށީގައި ހުޅުވި ބްރާންޗަކީ މީގެ ކުރިން އެ ރަށުގައި ހިންގަމުން އައި އެމްއައިބީގެ ސޭލްސް ސެންޓަރު އަޕްގްރޭޑްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ ބްރާންޗެކެވެ. އެގޮތުން އެކައުންޓް ހުޅުވުމާއި، ފައިނޭންސިން ހައްލުތަކުގެ އިތުރުން އެހެނިހެން އަސާސީ ބޭންކިން ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން މި ބްރާންޗުން ލިބިގެންދާނެއެވެ.
މީގެއިތުރުން، އޭދަފުށީ ބްރާންޗާއެކު ގާއިމުކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ކޮންމެ ވަގުތެއްގައިވެސް އެމްއައިބީގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބ. އަތޮޅުގެ ތިން ރަށެއްގައި އަލަށް ގާއިމްކުރި އޭޓީއެމްތަކާ ގުޅޭގޮތުން އެމްއައިބީން ބުނީ، އެ އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު މާލީ އަސާސީ ހިދުމަތްތައް ބ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އެއާއެކު ކޮންމެ ވަގުތެއްގައި ވެސް ދިވެހި ރުފިޔާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބޭނެކަން އެ ބޭންކުން ފާހަގަކުރެއެވެ.
އެމްއައިބީން ބުނި ގޮތުގައި ބ. އަތޮޅުގެ އޭޓީއެމް ނެޓްވޯކް ފުޅާކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ހިދުމަތްތައް ވަރުގަދަކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަސާސީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމެވެ.










ކިޔުންތެރިންގެ ހިޔާލު