އެމްއައިބީގެ ޚާއްޞަ ޢާންމު ޖަލްސާ ބާއްވައި، ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފިއެވެ. އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުން އައްޔަކުރީ، "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށް ބޭއްވި މިއަހަރުގެ ޚާއްޞަ ޢާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާ ތަމްސީލުކުރާ ހިއްސާދާރުން ބައިވެރިވެފައިވާކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.

އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، އެމްޕީއޭއޯ ތަމްސީލުކުރާނެ ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމަށް ޙަސަން ޙަމޫދެވެ. ޙަމޫދު މިމަޤާމަށް އައްޔަންކޮށްފައިވަނީ، ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 100 އިންސައްތަ (17,186,661 ވޯޓު) ވޯޓާއެކު ކަމުގައި އެމްއައިބީން ބުނެއެވެ.

އިޝްތިހާރު އިޝްތިހާރު

އެ ބޭންކުގެ ބޯޑަށް އަލަށް އައްޔަންކުރި ޙަސަން ޙަމޫދަކީ، އިންވެސްޓްމަންޓް އަދި އިކޮނޮމިކް ރިސާޗުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ މީހެކެވެ.
އަދި ޙަމޫދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެޑިންބަރާ އިން އިކޮނޮމިކްސް އެންޑް ލޯ އިން މާސްޓާސް (އޮނަރސް) ހާސިލުކޮށް، ސީއެފްއޭ ޕްރޮގްރާމްގެ ލެވެލް 1 ފުރިހަމަކޮށްފައިވާ ބޭފުޅެކެވެ. ޙަމޫދު މިހާރު ހުންނެވީ ޕެންޝަން އޮފީހުގެ ސީނިއަރ މެނޭޖަރ، އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސަރވިސަސްގެ މަޤާމުގައެވެ. މީގެ އިތުރުންވެސް ޙަމޫދު ވަނީ ޕެންޝަން އޮފީހާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ ފަދަ އިދާރާތަކުގައި މުހިއްމު މަޤާމުތަކެއް އަދާކުރައްވާފައެވެ.

މިއަދުގެ ޖަލްސާގައި ބޭންކުގެ އާންމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބު ކުރާ ޑިރެކްޓަރުގެ މަޤާމަށްވެސް މެންބަރަކު ވަނީ އައްޔަންކޮށްފައެވެ. މި މަޤާމަށް އިންތިޚާބު ކޮށްފައިވަނީ، އިޔާޒު ވަޙީދެވެ. އޭނާ މި މަޤާމަށް އިންތިޚާބުވީ، ވޯޓު ދިން އާންމު ހިއްސާދާރުންގެ 55.20 އިންސައްތަ (352,614 ވޯޓު)ގެ އަޣުލަބިއްޔަތުންނެވެ. މިއީ، މިމަޤާމަށް އިޔާޒު ވަޙީދު އިންތިޚާބުވި ދެވަނަ ދައުރެވެ.