ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު މާދަމާ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރަކީ، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫ ހެދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރެއްވި އިސް ދެބޭފުޅުންނެވެ.

އެދެބޭފުޅުން ސައުދީއަށް މި ވަޑައިގަންނަވަނީ، އީރާނާއި އެމެރިކާގެ ކުރިމަތިލުންތައް އަނެއްކާވެސް ހޫނުވެ މަސްރަހް އިތުރަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައެވެ.

އިޝްތިހާރު އިޝްތިހާރު

ހަމަ އެއާއެކު، އެދެބޭފުޅުން ސައުދީއަށް މިވަޑައިގަންނަވާ އީރާނާއި އެމެރިކާއާ ދެމެދު އަލުން ހަނގުރާމައެއް ފެށުނަނުދިނުމަށް ސަރަހައްދުގައި ޑިޕްލޮމެޓިކް ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައިވެސް މެއެވެ.

އީރާނުން ހޮރްމޫޒު ނުހުޅުވައިފިނަމަ އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ފަށާނޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަނީ އިންޒާރުކުރަމުންނެވެ.

އެމެރިކާއިން އީރާނަށް ހަމަލާދިނުމުން އީރާނުން ރައްދު ހަމަލާތައް އަމާޒުކުރަމުން ގެންދަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާގެ މަސްލަހަތުތަކަށެވެ.

އީރާނުން މީގެކުރީގެ ކުރިމަތިލުންތަކުގެ ތެރޭގައި ރައްދު ހަމަލާތައްދިން ގައުމުތަކުގެ ތެރޭގައި ސައުދީގައި ހުންނަ އެމެރިކާގެ ތަންތަންވެސް ހިމެނެއެވެ.

ޕާކިސްތާނު ސަރުކާރުން މިއަދު ބުނެފައިވަނީ، އީރާނާއި އެމެރިކާ އިތުރު ކުރިމަތިލުމަކަށް ދިޔަނުދިނުމަށް ފަރުދާގެ ފުރަގަހުގައި ޕާކިސްތާނުން މުހިންމު މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. އަދި އެ މަސައްކަތްތަކުން ކުރިއެރުން ލިބެމުންދާކަންވެސް ހާމަކޮށްފައި ވެއެވެ.

އައު އެއްބަސްވުމެއް ހެދުމަށް އީރާނާއެކު ދައްކަމުންގެންދާ ވާހަކަތަކުގައި އެހީތެރިވާ ގައުމުތަކުގެ ނަންތައް އެމެރިކާގެ ރައީސް އިހަށްދުވަހު ހާމަކުރިއިރު ޕާކިސްތާނުގެ ނަން ލިސްޓަކު ނުހިމެނެއެވެ.

ބައެއް ރިޕޯޓްތައް ބުނަނީ، ޕާކިސްތާނުން އީރާނު ކޮޅަށްޖެހިފައި އޮންނާތީއާއި، މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އިޚްލާސްތެރި ނޫންކަމަށް އެމެރިކާއިން މިހާރު ދެކޭ ކަމަށެވެ. ނަމަވެސް، ޕާކިސްތާނުންވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި، ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު މާދަމާ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ ސީދާ ކޮން ކަމަކާ ގުޅިގެންކަމެއް ޕާކިސްތާނުންވެސް އަދި ސައުދީންވެސް ހާމައެއް ނުކުރެއެވެ.

އެހެންނަމަވެސް، އީރާނު-އެމެރިކާ މައްސަލައާއި، ފަލަސްތީނު މައްސަލައާއި އަދި ސަރަހައްދީ ސަލާމަތީ ކަންކަމާއި، ސަރަހައްދީ ސުލްހައާ ގުޅުންހުރި މައްސަލަތަކާއި، އިގްތިސާދީ ގުޅުންތަކުގެ މަޝްވަރާތައް އެޖެންޑާގައި ހިމެނޭ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.