ސައުދީ އަރަބިއްޔާގެ އިތުރު އުޅަނދަކަށް ޔަމަނުގެ ހޫޘީން ހަމަލާ ދީފިނަމަ އެކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ އީރާނުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިފަދައިން ބުނެފައިވަނީ، އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ، ސައުދީ އުޅަނދަކަށް ހޫޘީން އިތުރު ހަމަލާއެއް ދީފިނަމަ އެކަމުގެ ވަރަށް ހަރުކަށި އަސްކަރީ އަދަބު އީރާނަށް ދޭނޭ ކަމަށާއި، ހޫޘީންނަށްވެސް އަދަބު ދޭނޭ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެމެރިކާގެ ރައީސް މިކަމުގެ އިންޒާރު މިދިނީ، ރަތްކަނޑުން ދަތުރުކުރި ސައުދީ ދެ ތެޔޮ ޓޭންކަރަކަށް ހޫޘީން ރޭގައި ހަމަލާދިނުމާ ގުޅިގެންނެވެ.

ސައުދީ ޓޭންކަރުތަކަށް ހަމަލާދިން ސަބަބެއް ކަމަށް ހޫޘީން ބުނެފައިވަނީ، ސައުދީ އުޅަނދުފަހަރަށް ރަތްކަނޑު ބަންދުކޮށްފައި ވަނިކޮށް ހޫޘީންގެ ނިންމުމާ ޚިލާފަށް ޓެންކަރުތައް ރަތްކަނޑު ހުރަސްކުރަން އުޅުމުން ކަމަށެވެ.

ޔަމަނުގެ ވެރިރަށް ސަންއާގެ، ސަންއާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭއަށް އިހަކަށްދުވަހު ދިން ހަމަލާތަކުގެ ޒިންމާ ހޫޘީން އަޅުވާފައިވަނީ ސައުދީ އަރަބިއްޔާގެ ބޮލުގައެވެ. އެކަމުގެ ބަދަލު ހިފުމުގެގޮތުން ހޫޘީންވަނީ ސައުދީ އަރަބިއްޔާގެ އަބްހާ އެއަރޕޯޓަށްވެސް ހަމަލާ ދީފައެވެ.

އަދި ސައުދީ އަރަބިއްޔާއާއި، ގުޅިފައިވާ އަރަބި ލަޝްކަރުން ޔަމަނުގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު ބްލޮކޮށްފައި އޮންނަ އޮތުމުގެ ބަދަލު ހިފުމުގެގޮތުން ކަމަށްބުނެ ރަތްކަނޑު ހުރަސްކޮށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ އަދި ސައުދީން ފުރައިގެންދާ ހުރިހާ އުޅަނދުފަހަރަށް ރަތްކަނޑު ބަންދުވީކަން ހޫޘީން އިއުލާން ކޮށްފައި ވެއެވެ.

ތެޔޮ ޓޭންކަރުތަކަށް ދިން ހަމަލާއަކީ ހޫޘީންގެ ބްލޮކޭޑް އިއުލާންކުރި ފަހުން ދިން ފުރަތަމަ ހަމަލާއެވެ.

ހޫޘީ އަސްކަރިއްޔާ އަންސާރުﷲ އިން ބުނެފައިވަނީ، ރަތްކަނޑުގައި އެމީހުން ވަރަށް ފުޅާ އަދި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ހޫޘީންގެ މި އޮޕަރޭޝަންގެ ސަބަބުން ތެލުގެ ސަޕްލައިއަށް އިތުރު ހުރަސްތަކެއް ކުރިމަތިވެ ދުނިޔޭގައި ތެލުގެ އަގުތައް އިތުރަށް މައްޗަށްގޮސް އޭގެ ގެއްލުންތައް އެންމެން ތަހައްމަލް ކުރަންޖެހުމުގެ ބިރު އުފެދިފައި ވެއެވެ.