ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން އީރާނުން ހުށަހެޅި ޕްރޮޕޯޒަލްއަށް އެމެރިކާ ސަރުކާރުން ދިން ރަސްމީ ޖަވާބު، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީއާ މިއަދު ހަވާލުކޮށްފިއެވެ.

އީރާނު ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވިދާޅުވީ، އެމެރިކާގެ ޖަވާބު ޚާރިޖީ ވަޒީރާ ހަވާލުކުރީ މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ކަމަށެވެ.

އަދި އެމެރިކާގެ ހުށަހެޅުން މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ، ރައީސް މަސްއޫދު ޕެޒެޝްކިއާންއަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. އެއީ ކެބިނެޓްގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.

އިޝްތިހާރު އިޝްތިހާރު

އީރާނުގެ ހުށަހެޅުމަށް އެމެރިކާއިން ރަސްމީ ޖަވާބެއް މިދިނީ، އީރާނުގެ ހުށަހެޅުމަށް އެމެރިކާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެދިތާ އެއްދުވަސް ފަހުންނެވެ.

އެކަމަކު، އީރާނުގެ ޕްރޮޕޯޒަލްއަށް އެމެރިކާ ސަރުކާރުން ދިން ރަސްމީ ޖަވާބާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި އީރާނުގެ އެއްވެސް ވެރިޔަކުވެސް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ހާމައެއް ނުކުރައްވައެވެ.

އެހެންކަމުން، އެމެރިކާގެ ހުށަހެޅުމުގައި ހިމެނެނީ ކޮން ކަންތައްތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އީރާނުގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން، އެމެރިކާގެ ހުށަހެޅުމަށް ޖަވާބުދޭން ވަގުތު ނަގާނެ ކަމަށް ބެލެވިފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިހަށްދުވަހު ދެކޮޅު ހަދާފައިވަނީ އީރާނުން ހުށަހެޅި 7 ނުކުތާގެ ޕްލޭނަށެވެ.

އެ ޕްލޭންގައި ހިމެނެނީ، އީރާނުގެ ބްލޮކޭޑް އުވާލުމާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައާއި، ސަރަހައްދުގެ ގައުމުތަކުގައި ކުރަމުންދާ ހަނގުރާމަތައްވެސް ހުއްޓާލުމާއި، އީރާނާ ދެކޮޅަށް ކުރީއްސުރެ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި މިހާރު އަޅަމުންދާ ފިޔަވަޅުތައްވެސް އުވާލުމާއި، ގަނޑުކޮށްފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމެވެ.

މި ޕްލޭނަށް އެމެރިކާގެ ރައީސް ދެކޮޅު ހެދުމުން، އިތުރު ބަދަލުތަކެއް ގެނެސް އަލުން ހުށަހެޅީ އދގެ އާންމު މަޖިލީހުގެ ޖަލްސާގެ އަރިމަތިން ބޭއްވި ނުސީދާ ވާހަކަތަކުގައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އިއްޔެ ވިދާޅުވީ، ހޮރްމޫޒު ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނުން އެމެރިކާއަށް ހުށަހަޅާފައިވާ ޝަރުތުތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނޭ ކަމަށެވެ.