ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޚިދުމަތްތަކަށް އެދުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ ޑިޖިޓަލް ޕޯޓަލެއް އިފްތިތާޙުކޮށްފިއެވެ.
މި ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ތިންވަނަ ޙައްޖު ޢުމްރާ ކޮންފަރެންސްގައެވެ. މި ބައްދަލުވުމުގެ ތެރެއިން، ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތައް މި ނިޒާމަށް އަހުލުވެރިކުރުވުމުގެ ގޮތުން ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާއިރު، ކުރިއަށް އޮތް ތަނުގައި މިކަމާ ގުޅޭ އިތުރު ތަމްރީނު ވޯކްޝޮޕްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކުންފުނިތަކާއި އަމިއްލަ ފަރުދުންނަށްވެސް ބޭނުންކުރެވޭ މި ޕޯޓަލް މެދުވެރިކޮށް (https://umra.islamicaffairs.gov.mv/Company/) ޙައްޖާއި ޢުމްރާއާ ގުޅޭ އިދާރީ އެންމެހާ ކަންކަން ދެފުށްފެންނަ ގޮތެއްގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން، ޙައްޖަށާއި ޢުމްރާއަށް ދާ ފަރާތްތަކުން ފައިސާ ދެއްކުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކަރުދާސް ބޭނުންކުރަން ނުޖެހި ލިޔެކިޔުންތައް ޑިޖިޓަލްކޮށް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މީގެއިތުރުން، މޯބައިލް ފޯނު މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ލިޔެކިޔުންތައް އަޕްލޯޑްކޮށް، ޚިދުމަތުގެ އަދާހަމަ (ސްޓޭޓަސް) ބަލައިލެވޭނެ އިންތިޒާމު މި ޕޯޓަލްގައި ވަނީ ހަމަޖައްސާފައެވެ. އަދި ޚިދުމަތްދޭ ގްރޫޕަކާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތާއި، އެ ޝަކުވާއަކާ ގުޅިގެން ވުޒާރާއިން އަޅާ ފިޔަވަޅުތައްވެސް ދެފުށްފެންނަ ގޮތެއްގައި ބަލައިލެވޭނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްނަންގަވައިގެން، މި ދާއިރާގެ އެންމެހާ ޚިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލައިޒްކޮށް، ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށާއި ކުންފުނިތަކަށް ދިމާވާ އިދާރީ ދަތިތަކަށް ލުއި ހައްލެއް ހޯދައިދިނުމަށް ފެއްޓެވި މުހިންމު މަސައްކަތްޕުޅެއް ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.