ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމަށްވާ، ހުޅުމާލޭގައި ޤާއިމްކުރާ "ދާރުއްސަލާމް" ވަޤުފް މަޝްރޫޢުގެ ފައުންޑޭޝަން ރާފްޓްގެ ކޮންކްރީޓް މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި ޢިމާރާތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކުރުމަށާއި، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ރިޔާސީ ވަޢުދާ އެއްގޮތަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ޖުމްލަ 244 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސިންގްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. މި އެއްބަސްވުމުގެ ދަށުން ޢިމާރާތުގެ މަސައްކަތް ނިންމުމަށްފަހު، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މެއިންޓެނަންސް މަސައްކަތްތައް ބަލަހައްޓާނީވެސް އާރްސީސީންނެވެ.
ހުޅުމާލެ އަމީން އެވެނިއު ކުރިމަތީގައި އޮންނަ ބިމުގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ޢިމާރާތަކީ 13 ފަންގިފިލާގެ އުސްމިނުގައި ބިނާކުރާ ތަނެކެވެ. މި ޢިމާރާތުގައި ޕާކިންގ ސަރަޙައްދަކާއި، ގްރައުންޑް ފްލޯގައި ރިސެޕްޝަނަކާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ. މީގެއިތުރުން ކޮންފަރެންސް ހޯލަކާއި، ޒަމާނީ އޮފީސް ޖާގަތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދުކުރާ ކޮޓަރިއަކާއި ޑޭ ކެއަރ ސެންޓަރެއްވެސް މި ޢިމާރާތުގައި ހުންނާނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެ އިންތިޒާމުތަކާއެކު ލިފްޓުތައް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ޢިމާރާތުގެ ރޫފްޓޮޕް ތަރައްޤީކުރަނީ ހިތްގައިމު އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.
މި މަޝްރޫޢު ނިމި ބޭނުންކުރަން ފެށުމުން އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މި ޢިމާރާތުން އަހަރަކު ގާތްގަނޑަކަށް 60 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އަދި މި ޢިމާރާތުން ލިބޭ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޚާއްޞަކުރާއިރު، ބާކީ 80 އިންސައްތަ ޖަމާކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ވަޤްފު ފަންޑަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.