ހާލުގައި ޖެހިފައިވާ ނިކަމެތި ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަޔާންކުރައްވައިފިއެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ބޭއްވި "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ދިރިއުޅޭނެ ތަނެއް ލިބުމަކީ ކޮންމެ މީހެއްގެ ވެސް އަސާސީ ހައްގަކަށްވާއިރު، ސިޔާސީ ނުފޫޒު ފޯރުވައިގެން ވަކި ބަޔަކަށް އެކަމުގައި މަންފާ ހޯދައިދިނުމަކީ މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ނުކުޅެދުންތެރިކަން ހުންނަ ފިރިއަކު ބަލަހައްޓަމުންދާ އަންހެނަކު އައިސް، ދިރިއުޅުމުގެ ދަތިކަމާއި ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން އާއިލާއަށް ދިމާވެފައިވާ ހިތްދަތި ހާލަތު އެމަނިކުފާނާ ހިއްސާކުރުމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމާއި ފްލެޓް ދޫކުރާނީ ދެފުށް ފެންނަ، އިންސާފުވެރި މިންގަނޑުތަކެއްގެ މަތިން ކަމަށެވެ. ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމަކީ ބޯހިޔާވަހިކަން ހޯދުމަށް އޮތް ޝަރުތެއް ނޫންކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިސްކަންދެވޭނެ ހަރުދަނާ އުސޫލެއްގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ވަކި ޕާޓީއަކަށް ވަނުން ނުވަތަ ނުވަނުން ފަދަ ސިޔާސީ ވިސްނުންތަކާ މެދު ކަންބޮޑުނުވުމަށާއި، މިހާރުވެސް ކަނޑައެޅިފައިވާ ހަމަތަކުގެ ތެރެއިން އެންމެ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް އެންމެ އެކަށޭނަ ގޮތުގައި ބޯހިޔާވަހިކަން ލިބޭނެ މަގުތައް ތަރުތީބުކުރެވިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގެ ތެރެއިން ދިޔަ ގިނަ އަދަދެއްގެ އާންމުން ވަނީ އެމީހުންގެ ދިރިއުޅުމުގައި ހުރި ބޯހިޔާވަހިކަމުގެ ދަތިތަކާއި ޝަކުވާތައް ރައީސާ ހިއްސާކޮށްފައެވެ.
އޭގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަށް ހަމަޖެހިފައިވާ ރިސްކް އެލަވަންސް ދިނުން ލަސްވާ މައްސަލައެއް ވެސް ޓީޗަރަކު ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ރައްޔިތުން ފާހަގަކުރި ހުރިހާ ޝަކުވާތަކާއި ހުށަހެޅުންތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފުރިހަމައަށް ބައްލަވައި، ވީއެންމެ އަވަހަކަށް އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.