އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބަށް އދ. ދިގުރަށުގައި ބެހެއްޓި ވޯޓުފޮށި ބަޔަކު ނަގައިގެން ގެންގޮސް ރޭ އެ ރަށު ގޮނޑުދޮށަށް އެއްލާލައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ދިގުރަށު ސްކޫލް ހޯލުގައި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް މީހަކު ވަނީ އެ ވޯޓުފޮށި ނަގައިގެން ގޮސް ފޮރުވާފައެވެ. އެއަށްފަހު އެ ފޮށި ފެނިފައިވަނީ އެ ރަށު ބަނދަރު ސަރަޙައްދުގެ ގޮނޑުދޮށާ ކައިރިއަށް އެއްލާލާފައި އޮއްވައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ޢަމަލު ހިންގާފައިވަނީ ދިގުރަށަށް ގޮސް އުޅުނު އެހެން ރަށެއްގެ މީހެކެވެ. އަދި އެ މީހާ ވޯޓުފޮށި ހިފައިގެން ދުވެފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ވަނީ ޢާންމުވެފައެވެ.މި ހާދިސާއާ ގުޅޭގޮތުން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މެންދުރުފަހު 14:30 ގައި ފެށި އެމްޑީޕީގެ ޤައުމީ މަޖިލީހާއި އެތެރޭގެ މަޤާމުތަކުގެ އިންތިޚާބުގެ ވޯޓުލުން ރޭ 9:00 ގައި ނިމި، މިހާރު ވަނީ ވޯޓު ގުނުމުގެ މަސައްކަތް ފަށާފައެވެ. ޖުމުލަ 448 މަޤާމަކަށް 979 ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ މާލެއިންނެވެ. އެގޮތުން މާލެ ސިޓީގެ 111 މަޤާމަކަށް 209 ކެންޑިޑޭޓުން ވާދަކުރާއިރު، މި އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގޮސްފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތާއީދާއެކު ނުކުންނަ "ޓީމު އެމްޑީޕީ" އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ފައްޔާޒު އިސްމާޢީލްގެ ތާއީދާއެކު ނުކުންނަ "ބޮޑު ބަދަލު" ޓީމާ ދެމެދު ވަރަށް ފޯރިގަދަކޮށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.