ދިވެހިރާއްޖޭގެ އިސްލާމީވަންތަކަމުގެ މައި ބިނާ، މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު) ގެ ކާޕެޓް އައުކުރުމަށްޓަކައި ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ދީލަތި އެހީތެރިކަމެއް ދެއްވައިފިއެވެ.
މި އެހީތެރިކަން ޕާކިސްތާނުގެ ފަރާތުން ފޯރުކޮށްދީފައިވަނީ ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި އެހީ ޕާކިސްތާނު ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އެހީއާއި ހަވާލުވެވަޑައިގަތީ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލެވެ.

މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބިނާކުރެއްވި ބިނާއެކެވެ. އިސްލާމީ މަރުކަޒު ބިނާކުރުމުގެ ބޮޑު މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމައި ރަސްމީކޮށް ހުޅުވާފައިވަނީ 1984 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެހެންކަމުން މި ތާރީޚީ މިސްކިތަށް މިހާރު މިވަނީ 42 އަހަރު ފުރިފައެވެ.

އިޝްތިހާރު އިޝްތިހާރު
މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމު (އިސްލާމީ މަރުކަޒު)ގެ ކާޕެޓް އައުކުރުމަށް ޕާކިސްތާނު ސަރުކާރުން އެހީ ދެއްވައިފި

ހައިބަތުހުރި މި ބޮޑު ބިނާއަކީ އެއްފަހަރާ 4،500 މީހުންނަށް ނަމާދުކުރެވޭ ފަދަ ތަނަވަސް ޖާގައެއް އޮތް މިސްކިތެކެވެ. މީގެއިތުރުން ފަސް ކުލާހާއި ލައިބްރަރީއަކާއި ބޮޑު ކޮންފަރެންސް ހޯލެއް ހިމެނޭ މި މަރުކަޒަކީ ދިވެހިރާއްޖޭގައި އިސްލާމީ ޢިލްމު ފެތުރުމުގެ މައި މަރުކަޒެވެ. ހަމައެއާއެކު، މިއީ ދިވެހި ކާބަފައިންގެ ފަންނުވެރިކަމާއި، މަސައްކަތްތެރިކަމާއި އަދި ހީވާގިކަމުގެ ދިރިހުރި ރަމްޒެއްވެސް މެއެވެ.

އިސްލާމީ މަރުކަޒު ބިނާކޮށް މިހޭދަވި 42 އަހަރުގެ ތެރޭގައި އެތަން ވެފައިވަނީ ދިވެހި ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތާއި ވަންތަކަމުގެ މައި ނާރެހަށެވެ. އެގޮތުން ދީނީ ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގުމާއި، ބޭރުގެ މަޝްހޫރު ޢިލްމުވެރިން ގެނެސްގެން ބާއްވާ އިޙްޔާ ފޯރަމްތައްވެސް މެދުކެނޑުމެއްނެތި ކުރިއަށްގެންދަނީ މި މަރުކަޒުގައެވެ. އަދި ދައުލަތުގެ އިސްވެރިންނާއި ޤައުމުގެ އަގުހުރި ޚިދުމަތްތެރިން އަވަހާރަވުމުން ކަށުނަމާދު ކުރުން މިހާތަނަށްވެސް ޚާއްޞަކުރެވިފައިވަނީ މި މިސްކިތަށެވެ. މީގެއިތުރުން 2008 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާވެސް މިއަދާ ހަމައަށް ހިންގަމުން އަންނަނީ މި ބިނާގައެވެ.

ރައީސް މައުމޫންގެ ތަޞައްވުރާއި ވިޝަނާ އެއްގޮތަށް، އެތައް ދިވެހިންނެއް ރެޔާއި ދުވާލު ކުރެއްވި ބުރަ މަސައްކަތުން ވުޖޫދުވި އިސްލާމީ މަރުކަޒަކީ މިއަދު ދިވެހި އިސްލާމީ ޙަޟާރަތުގެ ފަޚުރުވެރި ރަމްޒެކެވެ. ޕާކިސްތާނު ސަރުކާރުން އިސްލާމީ މަރުކަޒުގެ ކާޕެޓް އައުކުރުމަށް ދެއްވި މި އެހީއަކީ އެ މިސްކިތުގެ ފުރިހަމަކަން ދަމަހައްޓައި، ނަމާދުކުރާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ގެނެސްދިނުމަށް ވެވިގެންދިޔަ އަގުހުރި އެހީތެރިކަމެކެވެ.