ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް 1,958 ކޮންޓެއިނަރު ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ. މިގޮތުން ބަނދަރުން ދޫކުރި މުދަލުގެ ތެރޭގައި އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ އަދި ބިހެވެ.

އެމްޕީއެލްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި، ކޮންޓެއިނަރު އުފުލާ ބޯޓުތަކާއި އާންމު މުދާ އުފުލާ އުޅަނދުތަކުން ގެނައި ކޮންޓެއިނަރުތައް ވަނީ ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުތަކުން ގެނައި 1,472 ކޮންޓެއިނަރާއި، ޖެނެރަލް ކާގޯ އުފުލާ ބޯޓުތަކުން ގެނައި 486 ކޮންސައިންމަންޓް (ވިއްކައިގެން އަގު އަދާކުރާ އުސޫލުން ގެނައި މުދާ) ހިމެނެއެވެ.

މި މުއްދަތުގައި ޖުމްލަ 41,959.34 ފްރައިޓް ޓަނުގެ މުދަލަށް ކްލިއަރެންސް ދީފައިވެއެވެ. އޭގެ ތެރެއިން 39,051.74 ފްރައިޓް ޓަނަކީ ކޮންޓެއިނަރު ބޯޓުފަހަރުން ބޭލި މުދަލެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން ވަނީ 2,907.6 ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ހަފުތާގެ ތެރޭގައި މާލޭގެ ވިޔަފާރި ބަނދަރަށް ކޮންޓެއިނަރު އުފުލާ 2 ބޯޓާއި، އާންމު މުދާ ބަރުކޮށްގެން އައި 5 ބޯޓު ބަނދަރުކޮށްފައިވެއެވެ. އަދި ޚިދުމަތް ނިންމުމަށްފަހު ފުރާފައިވަނީ ކޮންޓެއިނަރު އުފުލާ 4 އުޅަނދާއި، އާންމު މުދާ އުފުލާ 8 އުޅަނދެވެ.

ކޮންޓެއިނަރު ހެންޑްލިންގގެ ހިސާބުތަކަށް ބަލާއިރު، ބޯޓުފަހަރުން 1,176 ކޮންޓެއިނަރު ބާލާފައިވާއިރު، ޕޯޓުން ވަނީ 1,963 ކޮންޓެއިނަރު ބޭރުކޮށްފައެވެ. އެހެންކަމުން މުޅި ޖުމްލަ އޮޕަރޭޝަންތަކުގެ އަދަދު 3,139 އަށް އަރައެވެ.

މީގެއިތުރުން، ތަރުކާރީ އާއި މޭވާ ހިމެނޭހެން އަވަހަށް ހަލާކުވެދާނެ ޒާތުގެ މުދަލުގެ 67,869 ޕެކޭޖެއް މިދިޔަ ހަފުތާގައި ވަނީ ކްލިއާކޮށްދީފައެވެ.

އެންމެ ގިނަ އަދަދަކަށް ކްލިއާކުރެވުނު އަސާސީ ކާބޯތަކެތި:

ބިސް: 16,278 ކޭސް

ފިޔާ: 11,519 ބަސްތާ

ކަރާ: 9,133 ކޭސް

އަލުވި: 6,556 ބަސްތާ

ޓޮމާޓޯ: 6,173 ކޭސް

ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަނީ ބާރުދުވެލީގައި ކުރިއަށެވެ. ސަރުކާރުގެ ލަނޑުދަނޑިއަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުށީ ބަނދަރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ފެށުމެވެ. މި ބަދަލާއެކު އެމްޕީއެލްގެ ޚިދުމަތްތައް އިތުރަށް އަވަސްވެ، ހިންގުން ހަރުދަނާވެގެންދާނެއެވެ.