އަންނަ ނޮވެމްބަރު މަހުގެ ފަހު ހަފުތާތަކުގެ ތެރޭގައި، ތިލަފުށީގައި ގުދަންތައް ހިންގާ ވިޔަފާރިތަކަށް އެ ރަށުގެ ބަނދަރު މެދުވެރިކޮށް ކޮންޓެއިނަރު ދޫކުރަން ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ހުސައިން ޝަފީޤު ހާމަކުރައްވައިފިއެވެ.
އެމްޕީއެލުން މިތަފުސީލުތައް ހިއްސާކުރެއްވީ ތިލަފުށީ ޕޯޓުގައި މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ އޮޕަރޭޝަން ރަސްމީކޮށް ފެށުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ އިގުތިސާދީ ދުވެލި މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށްޓަކައި، މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއު ސަރުކާރުން ވަނީ ފަށާފައެވެ. ދިވެހިރާއްޖެއަކީ ބޭނުންކުރާ ގިނަ ބާވަތްތައް ބޭރުން އިމްޕޯޓުކުރާ ގައުމަކަށްވެފައި، އެތެރެކުރާ މުދަލުގެ ބޮޑުބައި މިހާރުވެސް ގެންނަނީ މާލޭ ޕޯޓުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ބަނދަރު ވެފައިވަނީ ގައުމުގެ އިގުތިސާދު ހުއްޓުމެއްނެތި ދެމެހެއްޓުމަށްޓަކައި ވިހިހަތަރު ގަޑިއިރު ހިންގަންޖެހިފައިވާ މައި މަރުކަޒަށެވެ.
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ވަރަށް ބާރު ސްޕީޑުގައެވެ. މި އައު ބަނދަރުގެ ސަބަބުން ޕޯޓުގެ ޖާގައާއި ޚިދުމަތް ދިނުމުގެ ގާބިލުކަން ހަތަރު ގުނައަށް ބޮޑުވެގެންދާނެ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.
މި ހިނގާ މަހުގެ 27 އިން ފެށިގެން ތިލަފުށީ ޕޯޓުން މިހާރު ފޯރުކޮށްދެމުން އަންނަނީ މުދަލާއެކު ހުރި ކޮންޓެއިނަރުތައް ދޯނިފަހަރަށް ބަރުކޮށްގެން ފޮނުވުމާއި، ހުސްކޮށް ހުންނަ ކޮންޓެއިނަރުތައް ބޭލުމުގެ ޚިދުމަތެވެ.
އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާ ލަސްތަކެއް ނުވެ ތިލަފުށިން ކޮންޓެއިނަރު ކަނޑައިގެން އެލްސީއެލް ކާގޯ ދޫކުރުމުގެ މަސައްކަތްވެސް ތައާރަފުކުރާނެއެވެ. އެހެންނަމަވެސް، އެއަށްވުރެ ކުރިން ފަށާނީ ތިލަފުށީގައި ވެއަރހައުސް ހުންނަ ފަރާތްތަކަށް އެ ރަށުން ސީދާ ކޮންޓެއިނަރު ކަނޑައިގެން މުދާ ދޫކުރުމުގެ އިންތިޒާމެވެ.
އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، ދެން އެންމެ އަވަހަށް ފެށިގެންދާނީ ތިލަފުށީގައި ގުދަންތައް ގާއިމުކޮށްފައިވާ ވިޔަފާރިވެރިންނަށް އެ ރަށުން ކޮންޓެއިނަރު ކަނޑައި، މުދާ ކްލިއަރކޮށް ދިނުމުގެ މަސައްކަތް ކަމަށެވެ. އަދި އަންދާޒާކުރެވޭ ގޮތުގައި ނޮވެމްބަރު މަސް ނިމޭ ހިސާބުގައި މި އިންތިޒާމު ހަމަޖެހި ޚިދުމަތް ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރަކީ 1986 ވަނަ އަހަރު ބޭނުންކުރަން ފެށި ތަނެކެވެ. އެހެންނަމަވެސް 2015 އިން ފެށިގެން މި ބަނދަރުން ޚިދުމަތް ދެމުން އަންނަނީ އޭގެ އަސްލު ކެޕޭސިޓީއަށްވުރެ ތިން ގުނަ އިތުރަށެވެ. މި ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ނިންމާފައިވަނީ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމަށެވެ.
ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން އޭގެ ހެޔޮ އަސަރު އާންމު ރައްޔިތުންނާ ހަމައަށްވެސް ފޯރާނެއެވެ. އެގޮތުން މުދާ އެތެރެކުރުމުގެ ޚަރަދުތައް ކުޑަވެގެން ގޮސް، ބާޒާރުގައި ތަކެތީގެ އަގުތައް ހެޔޮވުމަށް މަގުފަހިވާނެއެވެ. މިއީ ރައްޔިތުންގެ އުންމީދުތަކާ އަދި މުޅި ގައުމުގެ އިގުތިސާދީ ދުޅަހެޔޮކަމާ ގުޅިފައިވާ މުހިންމު ފިޔަވަޅެކެވެ. ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ތިލަފުށީ ބަނދަރުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައިލުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.