އީރާނު އެއަރލައިންތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ދެކޮޅު ކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

ޗައިނާއިން މިކަން ހާމަކޮށްފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުދުހޭ އީރާނުގެ އެއަރލައިންތަކުގެ ހުރިހާ ބޯޓުތައް ސެޕްޓެމްބަރުމަހުގެ 23 ވަނަ ދުވަހުން ފެށިގެން ހުއްޓުމަކަށް އަންނާނޭ ކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް އިންޒާރު ދިންތާ އެއްދުވަސް ފަހުންނެވެ.

ރިޕޯޓްތައް ފެތުރިގެން ގޮސްފައިވަނީ، އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އެއަރލައިންތައް ހުއްޓުމަކަށް ގެންނަނީ ޗައިނާގެވެސް އެއްބާރުލުން ލިބިގެން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ނަމަވެސް، ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ގުއޯ ޖިއަކުން މިއަދު ވިދާޅުވީ، އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން "ޣައިރުގާނޫނީ" ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ޗައިނާ ސަރުކާރު ދެކޮޅު ކަމަށެވެ.

ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ބައިނަލްއަގްވާމީ ގާނޫނުތަކާ ފުށުއަރާ، އަސާސެއްނެތް ކަމެއްގައި އަދި ނުވަތަ އދ.ގެ ސަލާމަތީ މަޖިލީހުގެ ހުއްދަނެތި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޗައިނާއިން ތަކުރާރުކޮށް ދެކޮޅުހަދާ ކަމަށެވެ.

ދުނިޔޭގެ އެއްވެސް އެއަރޕޯޓަކުން އީރާނުގެ މަތިންދާ ބޯޓުތަކަށް ތެޔޮ އަޅައިދިނުމާއި، ގްރައުންޑް ޚިދުމަތްދިނުމާއި، ޓިކެޓު ވިއްކިޔަނުދިނުމަށާއި، އެއްވެސް ޚިދުމަތެއް ދިނުން މަނާކުރުމަށް އެމެރިކާއިން ގެންދަނީ އެއަރޕޯޓްތަކަށް އިންޒާރު ދެމުންނެވެ. އީރާނުގެ އެއަރލައިނަކަށް ޚިދުމަތް ދީފިނަމަ އެމެރިކާގެ ޑޮލަރު ބޭންކިންގ ސިސްޓަމުން އެ އެއަރޕޯޓެއް ބޭރުކޮށްލާނެއެވެ.

އީރާނުގެ އެއަރލައިންތަކަށް ސީދާ ފިޔަވަޅު އެޅުމުގެ ބަދަލުގައި އެމެރިކާ ސަރުކާރުން ގެންދަނީ، ބައިނަލްއަގްވާމީ އޭވިއޭޝަން ހަރަކާތްކުރުވާ އިންފްރާސްޓްރަކްޗާއަށް ހަމަލާދެމުންނެވެ.

އީރާނުގެ އެއަރލައިންތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް މިއެޅީ، ހަނގުރާމަ ކޮށްގެން އީރާނު ބަލި ނުކުރެވުމުން އިގްތިސާދީގޮތުން އީރާނު އިނދަޖައްސައި ބަލިކޮށްލުމަށް އެމެރިކާ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުންނެވެ.