ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވިއްޖެނަމަ، 2040 ވަނަ އަހަރު އަންނަންވާއިރަށް ހުރިހާ ގޮތަކުން ފުރިހަމަވެފައިވާ ތަރައްޤީގެ ޤައުމަކަށް ދިވެހިރާއްޖެ ބަދަލުކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ފާއިތުވި ތިން އަހަރުގެ ކާމިޔާބީތައް ހިއްސާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯ އާއި ޤައުމީ ތަރައްޤީގެ މައިގަނޑު މިސްރާބު ބިނާކުރައްވާފައިވަނީ މުހިންމު 8 އަސާސެއްގެ މައްޗަށް ކަމަށެވެ.

އެ އަސާސްތަކަކީ:

އިޝްތިހާރު އިޝްތިހާރު
  1. ތިޔާގި ޤައުމަކަށްވުން

  2. ސިޔާދަތީ މިނިވަންކަން ދެމެހެއްޓުން

  3. ވިލުންތެރި ޤައުމަކަށްވުން

  4. އެންމެންގެ ބައިވެރިވުން އޮތް (ޝާމިލް) ޤައުމަކަށްވުން

  5. އުފެއްދުންތެރިކަން އިތުރު ޤައުމަކަށްވުން

  6. އެތެރެއާއި ބޭރުން ގުޅިފައިވާ ޤައުމަކަށްވުން

  7. ދުޅަހެޔޮ އަދި ހުނަރުވެރި ރައްޔިތަކު އުޅޭ ޤައުމަކަށްވުން

  8. އިތުބާރު ހިފޭ ޤައުމަކަށްވުން

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި އަސާސްތަކުގެ އެންމެ މައިގަނޑު ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި މި އަމާޒުތައް ޙާޞިލުކުރުމުގައި އެންމެން އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މަތިވެރި ސިފަ އަބަދުވެސް އިސްކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތަށް ބައްޓަންކުރެވޭ ތަރައްޤީއާއެކު، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެ ވެގެންދާނީ ވަށާޖެހޭ ތަރައްޤީ އާއި، ސުލްޙަމަސަލަސްކަމާއި ފުރިހަމަ ރައްކާތެރިކަން ލިބިފައިވާ ޤައުމަކަށެވެ.

މީގެއިތުރުން، ޤައުމުގެ ކުރިމަގަށްޓަކައި ކުރެވޭ މިފަދަ މުހިންމު މަސައްކަތްތައް ސިޔާސީ ނުކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. މިއީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި، ޤައުމު އިސްކޮށްގެން ކުރަންޖެހޭ ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވަމުން، މިހާރު ތިބި ކުދިން ޤައުމާ ޙަވާލުވާ އުމުރަށް ދާއިރު، އެކުދިންނަށް ފަޚުރުވެރި ދިވެހިރާއްޖެއެއް ފޯރުކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ތަޞައްވުރުގެ ދަށުން، ކޮންމެ ރަށަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދީ، މުޅި ރާއްޖެ ލާމެހިގެންދާނެހެން މަޝްރޫޢުތައް ރާވައިގެން ސަރުކާރުން މިހާރުވެސް ދަނީ ތަންފީޒުކުރަމުންނެވެ.