ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް މިނިވަންކަމާއެކު ލިބިގަތުމުގައި އަނެކުންގެ ޙައްޤުތަކަށްވެސް އިޙްތިރާމްކޮށް ސަމާލުވާންޖެހޭނެ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބުގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ "އެނގުމަކީ ބާރެއް" ޕްރޮޖެކްޓުގެ ދަށުން އާންމުކުރެއްވި މެސެޖެއްގައި އުޝާމް ވިދާޅުވީ، ވަރުގަދަ ޑިމޮކްރެޓިކް ނިޒާމެއް ބިނާވަނީ ހަމައެކަނި ޙައްޤުތަކުގެ މައްޗަށް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ޒިންމާދާރުކަމާއެކު ޙައްޤުތައް ބޭނުންކޮށް، ވާޖިބުތައް ފުރިހަމަކުރުމަކީ އެ ނިޒާމުގެ މުހިންމު ބައެއް ކަމަށާއި މިނިވަންކަމުގެ ނަމުގައި އެހެން ފަރާތްތަކުގެ އަބުރު ނަގައިލުމަކީ ޤާނޫނުއަސާސީ ޖާގަދޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގައި ކޮންމެ ރައްޔިތަކަށް ލިބިދޭ ޙައްޤުތަކާ ވަކިނުކުރެވޭ ގޮތުގައި ވާޖިބުތަކެއްވެސް ލާޒިމުކޮށްފައިވާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދައުލަތުގެ މުދަލާއި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން އެހެން މީހުންގެ ޙައްޤުތަކަށް ބެލުން ހިމެނެއެވެ.
ދަތުރުފަތުރުކުރުމުގެ ޙައްޤަށް އަލިއަޅުއްވާލައްވަމުން އުޝާމް ވިދާޅުވީ، އާންމު ތަންތަން ބޭނުންކުރުމުގައި ޒިންމާދާރުވާންޖެހޭނެ ކަމަށާއި، ދަތުރުފަތުރުކުރުމުގައި އެހެން މީހުންނަށް ނުރައްކަލެއް ނުވާނެކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ. އަދި މުޒާހަރާކުރުމަކީ ޤާނޫނުއަސާސީން ލިބިދޭ ޙައްޤެއް ނަމަވެސް، އެ ޙައްޤުވެސް ބޭނުންކުރަންވާނީ ސުލްހަވެރިކަމާއެކު ޤާނޫނުތަކަށް އިޙްތިރާމްކޮށްގެން ކަމަށް ވިދާޅުވިއެވެ.
ބަންޑާރަނައިބު މިފަދައިން ވިދާޅުވެފައިވާއިރު، އަބުރާ ބެހުން މަދަނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.
އެ ބިލުގައިވާ ގޮތުން ދޮގު މަޢުލޫމާތެއް ފަތުރައިގެން މީހެއްގެ ޤަދަރަށް ގެއްލުން ދީފިނަމަ، މާއްދީ ބަދަލުގެ އިތުރުން 500,000 ރުފިޔާއާ ހަމައަށް މައުނަވީ ބަދަލު ކޯޓު މެދުވެރިކޮށް ނަގައިދެވޭނެއެވެ. އަދި އެ ކުށުގެ ޖޫރިމަނާގެ ގޮތުގައި 50,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައަޅާފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.