ސްކޭމްތަކުގައި އެކި ފަރާތްތަކުން ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި ރާއްޖެއިން ހޯދާފައިވަނީ މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ސްކޭމްގެ 1584 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަތަކުގައި 1580 އަށްވުރެ ގިނަ ރައްޔިތުން ޝިކާރައަކަށްވެ، ޖުމްލަ 15،067،763.83 (ފަނަރަ މިލިއަން ފަސްދޮޅަސް ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ އަށްޑިހަ ތިން ލާރި) ގެއްލިފައިވާ ކަމަށެވެ.
އިންސްޕެކްޓަރ ނަވީދު ވިދާޅުވީ، ފުލުހުން ކުރި މަސައްކަތުން މި ފައިސާގެ ތެރެއިން 6.6 މިލިއަން ރުފިޔާ އަނބުރާ ހޯދައި، އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ ގެއްލުނު ފައިސާގެ ނިސްބަތުން ބަލާއިރު %44.3 ގެ ރިކަވަރީ ރޭޓެކެވެ.

“ސްކޭމްގަ ގެއްލުނު ފައިސާގެ ނިސްބަތަށް ބަލާއިރު 44.3 އިންސައްތަ ހޯދިފައިވޭ. މުޅި ދުނިޔޭގަ ވެސް އެންޓި ސްކޭމް އެފަރޓްތަކުގެ ތެރޭގަ ދިވެހިރާއްޖޭގަ މިހާރު މިހިރަ ނަތީޖާއަކީ ގްލޯބަލް ބެސްޓް،” ނަވީދު ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން 850 މީހަކަށް އެމީހުންގެ ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދައިދެވިފައިވާއިރު، 320 މީހަކަށް ފައިސާގެ ބައެއް ވަނީ ހޯދައިދެވިފައިވާކަން ވެސް ނަވީދު ފާހަގަކުރެއްވިއެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި އެންމެ ގިނައިން ރިޕޯޓްކުރަނީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސައިބަރ ސްކޭމްތަކާއި، ވިޔަފާރީގެ މުއާމަލާތްތަކުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކެވެ. މީގެ ތެރޭގައި އިންޓަނެޓުން މުދާ ގަނެވިއްކުމުގެ 821 މައްސަލައަކާއި، ޑޮލަރު މާރުކުރުމާ ގުޅޭ 244 މައްސަލަ އަދި ޝަހުސު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 213 މައްސަލަ ހިމެނެއެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އައު ވައްތަރެއްގެ ސްކޭމެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ނަވީދު ވިދާޅުވިއެވެ. އެއީ ބުކިން ހެއްދުމަށްފަހު ފައިސާ ޖަމާކުރިކަމަށް ދައްކައި، ފަހުން އެ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ސްކޭމެކެވެ. މިފަދަ 80 މައްސަލައެއް މިހާތަނަށް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
އިތުރަށް ނަވީދު ވިދާޅުވީ، މި މައްސަލަތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ގޮތުން، 48 ގަޑިއިރަށް 2803 ބޭންކު އެކައުންޓެއް އަދި ކޯޓު އަމުރުގެ ދަށުން އިތުރު މުއްދަތަށް 535 އެކައުންޓެއް ފްރީޒްކޮށްފައިވާނެ ކަމަށެވެ. އަދި 53 މީހަކު ހައްޔަރުކޮށް، 25 މައްސަލައެއްގައި ދައުވާކުރުމަށް ފޮނުވާފައިވާއިރު، 4 މީހެއްގެ މައްޗަށް މިހާރު ހުކުމް ވެސް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ސްކޭމްގެ މައްސަލަތައް އެންމެ ގިނައިން ހުށަހެޅެނީ މާލެ ސަރަހައްދުން ކަމަށްވާއިރު، އައްޑޫ ސިޓީ، ރ. އަތޮޅު އަދި ކުޅުދުއްފުށި ސިޓީންވެސް މިފަދަ ގިނަ މައްސަލަތަކެއް ރިޕޯޓްކުރެވެމުން އަންނަ ކަން ނަވީދު ފާހަގަކުރެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު