ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ކުށް ސާބިތުވި މައްސަލައިގައި އަދަބު ކަނޑައެޅުމަށް 20 އޮކްޓޫބަރު 2026 ގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުން، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތީ ފަސްކޮށްފިއެވެ.
މި އަޑުއެހުން ފަސްކޮށްފައިވަނީ ދީނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ ކޯޓަށް ހާޒިރުކުރެވޭނެ ހާލަތެއް ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކްރިމިނަލް ކޯޓަށް އެންގުމާ ގުޅިގެންނެވެ.
މި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ކްރިމިނަލް ކޯޓުގައެވެ.
ދީނާގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ 12 އޮކްޓޫބަރު 2026 ގައެވެ. އެ މައްސަލައިގައި ކުށް ސާބިތުވުމާ ގުޅިގެން، އޭނާގެ މައްޗަށް ހުކުމް އިއްވެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރިއެވެ.
މި ދައުވާ ދީނާގެ މައްޗަށް ކޮށްފައިވަނީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި ފައިސާ ދޫކުރި މައްސަލައިގައެވެ.
ދީނާގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
މި މައްސަލައިގައި ދެން ދައުވާކުރި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ކުށް ސާބިތުވެ، 4 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. ސައީދުގެ މައްޗަށް ހުކުމް އިއްވި އިރު ވެސް ދީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުގެ ސަބަބުން އޭރު އޭނާގެ މައްޗަށް ހުކުމް އިއްވޭ ގޮތެއް ނުވިއެވެ.
މި މައްސަލައިގެ އިތުރުން ވެސް ދީނާގެ މައްޗަށް އެހެން ކޮރަޕްޝަންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ. އެއީ 2018 ވަނަ އަހަރުގެ ޖޫން މަހު ފެނަކައިގެ ބްރާންޗުތަކުގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގައި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައެވެ.
ކްރިމިނަލް ކޯޓުން މަޢުލޫމާތު ދޭ ގޮތުގައި ދީނާގެ މައްޗަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން ދެން ބާއްވާނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.