ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންފި އެވެ.
މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ގައުމަށް އެންމެ ފަހުން ރާއްޖޭގެ ވެރިއަކު ދަތުރުފުޅެއް ކުރެއްވީ 2015 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގައި އެއާޕޯޓުން މަރުހަބާ ދަންނަވާނީ ވެސް ބޮޑުވަޒީރު ޝެހްބާޒް އެވެ. އަދި ރައީސަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދެންނެވުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު އެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒްއާ އެކު ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާތްގަނޑަކަށް 12 އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، މޫސުމަށް އަންނަ ބަދަލުތައް، ފަތުރުވެރިކަން، މަދަނީ އުދުހުންތައް އަދި ދިފާއީ އަދި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތައް ހިމެނެ އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.