ހދ. ނެއްލައިދޫ ބަނދަރުގައި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫއަކީ ނެއްލައިދޫ ބަނދަރުގައި ޑިންގީތައް އަޅާނެ ޚާއްސަ ޕްލެޓްފޯމެއް ގާއިމުކޮށް، ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމާއި ލަފާފުރުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެމްޓީސީސީ އިން ހާމަކުރި ގޮތުގައި، 1.5 މީޓަރުގެ ފުޅާމިން ހުންނަ މި ޖެޓީގެ މަސައްކަތް ހަވާލުކޮށްފައިވަނީ 6.94 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ލަނޑާ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ނެއްލައިދޫގައި 50 އަށްވުރެ ގިނަ ޑިންގީ ބޭނުންކުރެއެވެ. މި ހުރިހާ އުޅަނދެއް ބަނދަރުގައި އަޅާފައި އޮންނާތީ އާންމުކޮށް ލަފާފުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ.
ނެއްލައިދޫ ޖެޓީ ހެދުމުގެ މަޝްރޫއުގެ އިތުރުން، އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއުވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. 58.19 މިލިއަން ރުފިޔާއަށް 720 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރި އެ މަޝްރޫއުގެ ދަށުން 3,086 މީޓަރުގެ ދިގު މަގެއްގައި 15,265 މީޓަރުގެ ދުއްވާ ސަރަހައްދަކާއި 3,406 މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމުގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.