އާންމުކޮށް ބޭނުންކުރާ ބައެއް ކާބޯތަކެތީގެ އަގުތައް ބާޒާރުގައި ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް ބުނެ ވާހަކަ ދެކެވުނު ނަމަވެސް، އެސްޓީއޯއިން ފޯރުކޮށްދޭ ތަކެތީގެ އަގުތަކަށް މާބޮޑު ބަދަލެއް އައިސްފައިނުވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އާންމު ފިހާރަތަކުގައި އަގު އުފުލިފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެރެޓް ކިލޯއެއް އެސްޓީއޯއިން މިހާރު ވިއްކަމުން ދަނީ 40 ރުފިޔާއަށެވެ. މީގެއިތުރުން ބިހެއް 2 ރުފިޔާއަށް ލިބެން ހުރިއިރު، ބިސް ކޭހެއްގެ އަގަކީ 415 ރުފިޔާއެވެ. އެ ކުންފުނިން ވިއްކާ އެހެނިހެން މުހިންމު ބާވަތްތަކަށް ބަލާއިރު، ފިޔާ ކިލޯއެއް 15 ރުފިޔާއަށް، ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް އަދި އަލުވި ކިލޯއެއް ލިބެނީ 12 ރުފިޔާއަށެވެ.

އެސްޓީއޯއިން ފާހަގަކުރި ގޮތުގައި އަސާސީ ކާބޯތަކެއްޗަށް ދަތިކަމެއް ނެތް ކަމަށާއި، މި ދަނޑިވަޅުގައި ވެސް އެކަށީގެންވާ ވަރަށް ސްޓޮކް އެބަހުއްޓެވެ. އިގްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ "އަގުމަގު" ޕޯޓަލްގެ ހިސާބުތައް ދައްކާގޮތުން، މި ހިނގާ މަހުގެ ކުރީކޮޅު ބާޒާރުގައި ކެރެޓް ކިލޯއެއް 25 ރުފިޔާއަށް ވިއްކި ނަމަވެސް، މިހާރު ބައެއް ތަންތަނުގައި ކެރެޓް ކިލޯއެއްގެ އަގު ވަނީ 50 ރުފިޔާއިން ފެށިގެން 120 ރުފިޔާއާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ. އަދި ބައެއް ފިހާރަތަކުގައި ކުކުޅު ބިހެއްގެ އަގު 3 ރުފިޔާއަށް ވަނީ މަތިވެފައެވެ.

އިޝްތިހާރު އިޝްތިހާރު

ބާޒާރުގެ ބައެއް ތަކެތީގެ އަގު ބޮޑުވަމުންދާތީ އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެއަށް ކާބޯތަކެތި މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެސްޓީއޯއިން މެދުނުކެނޑި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ލަފާކުރާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލާއި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން މި އަހަރުގެ ފަހުކޮޅު ރާއްޖޭގެ އިންފްލޭޝަން ރޭޓް މައްޗަށް ދާނެއެވެ. މީގެއިތުރުން ރާއްޖެއަކީ ބޭރުން މުދާ އެތެރެކުރުމަށް މުޅިންހެން ބަރޯސާވާ ގައުމަކަށް ވާތީ، ކާބޯތަކެތީގެ އަގުތައް ވެސް އުފުލޭނެ ކަމަށް އެ ބޭންކުން ލަފާކުރެއެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން 2.2 އިންސައްތައަށް އެރި ނަމަވެސް، 2027 ވަނަ އަހަރު މި ނިސްބަތް 2.0 އިންސައްތައަށް ދަށްވާނެ ކަމަށް އޭޑީބީގެ އަންދާޒާތަކުން ދައްކައެވެ.