އަންނަ އަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިސްލާމީ ދާއިރާއިން މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތައް ހިއްސާކުރެއްވުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ދާއިރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 140 އަށް ވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އޭގެ ތެރޭގައި މާލެއާއި އަތޮޅުތެރޭގައި ކުރިއަށްގެންދާ ވަޤުފު ޢިމާރާތްތަކާއި، މިސްކިތްތައް ބިނާކުރުމާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. އެގޮތުން މިހާރުވެސް 7 ވަޤުފު ޢިމާރާތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ނިމުމުން އިސްލާމީ ދާއިރާއަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުން އެދޭ ކޮންމެ ރަށެއްގައި ޒަމާނީ މިސްކިތެއް ބިނާކުރުމަކީ އަމާޒެއް ކަމަށެވެ.

"ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މިސްކިތްތައް ބިނާކުރުމަށް އިސްކަންދެން. މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢުތަކާއި އެހެން ފަރާތްތަކުގެ އެހީގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދަން. ވަރަށް ގިނަ މިސްކިތްތައް ހިމެނޭ. 11 ވަރަކަށް އިސްލާމީ މަރުކަޒުގެ މަސައްކަތް ހިމެނޭ. ގިނައީ މިސްކިތްތައް. ރައްޔިތުން އެދޭ ކޮންމެ ރަށެއްގައިވެސް ޒަމާނީ މިސްކިތެއް ބިނާކުރުމަށް،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ޢަދަދެއްގެ މިސްކިތްތައް ހުޅުވޭނެ ކަމަށެވެ. އެގޮތުން ފާއިތުވި ރަމަޟާން މަހެކޭ އެއްފަދައިން، ކުރިއަށް އޮތް ރަމަޟާން މަހަށްވެސް 14 ވަރަކަށް މިސްކިތުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މާލެ ސަރަޙައްދުގައި ހުރި ވަގުތީ މިސްކިތްތައް ދާއިމީ މިސްކިތްތަކަށް ބަދަލުކުރުމަށްވެސް އިސްކަންދެއްވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އެ ވުޒާރާގެ ދަށުގައި ހުރި ފަންޑުތައް ތަރައްޤީކޮށް، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ފިޔަވައި އެހެނިހެން ހުރިހާ ޚަރަދެއް އެ ފަންޑުތަކުން ހަމަޖެއްސޭނެ އިންތިޒާމު ހަމަޖެއްސުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ. ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަކީ އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކި އަހަރުތައް ކަމަށާއި، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 115 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.