ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އެރީ، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށާއި ސަރުކާރުގެ މިސްރާބަށް ދިވެހި ރައްޔިތުންގެ އޮތް އިތުބާރުގެ ސަބަބުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ޕީއެންސީން ވަނީ ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި، ޕާޓީގެ ލީޑާޝިޕްގެ އިތުރުން އެންމެހައި ޢާންމު މެންބަރުންނަށް މަރުޙަބާއާއި ތަހުނިޔާ ފޮނުވާފައެވެ.

މިކަމާ ގުޅިގެން އެ ޕާޓީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ޕާޓީއަށް 100،000 އަށްވުރެ ގިނަ މެންބަރުން ހަމަވީ މި ޕާޓީގެ ރައީސްގެ ސިޔާސަތުތަކަށާއި އެމަނިކުފާނުގެ ސަރުކާރުގެ މިސްރާބަށް ރައްޔިތުންގެ އޮތް އިތުބާރުގެ ސަބަބުންކަން ކަށަވަރު" ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުން، 31 ޖަނަވަރީ 2019 ގައި އުފެއްދި ކޮންގްރެސް ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 100،083 އަށް އަރާފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި މެންބަރުންގެ އަދަދު ލައްކައަކަށް އެރި ފުރަތަމަ ފަހަރެވެ.

މި އަހަރު ނިމުމުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު 100،000 އަށް އެރުވުމަށް އަމާޒު ހިފައި، އެ ޕާޓީން ވަނީ ފުޅާ ދާއިރާއެއްގައި މެންބަރުން އިތުރުކުރުމުގެ ޚާއްޞަ ހަރަކާތްތަކެއް ހިންގާފައެވެ.