ކ. ތުލުސްދޫގައި ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ޕްރޮޖެކްޓް ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ޓައިބީމް ފޯމްވޯކް އެޅުމާއި، ދަގަނޑު ބެއްދުމުގެ (ރީއިންފޯސްމަންޓް) މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމާއެކު ދެން އޮންނާނީ ކޮންކްރީޓް އެޅުމުގެ މަރުޙަލާއެވެ.

މި މަޝްރޫޢަކީ ތުލުސްދޫގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ޒުވާނުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ބާރުއެޅުމަށާއި، ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގައި ކުޅިވަރާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން މި މަޝްރޫޢުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

މި ސެންޓަރުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން، ތުލުސްދޫގެ އިޖުތިމާޢީ ރޫޙު އާލާވެ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން އުއްމީދުކުރެއެވެ.