ލ. މާވަށު ސްކޫލުގައި އިތުރުވަމުން އަންނަ ދަރިވަރުންނަށް ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ 9 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މިހާރު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް ޝަޓަރިންގ އަދި ރީއެންފޯސްމަންޓް މަސައްކަތްތަކެވެ. މީގެއިތުރުން، ފުރަތަމަ ފަންގިފިލާގެ ބީމް ޝަޓަރިންގ އެޅުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށްކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢަކީ މާވަށު ސްކޫލުގެ ކިޔެވުމުގެ މާޙައުލު ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް، ދަރިވަރުންނަށް ތަޢުލީމު އުނގެނުމަށް އެކަށީގެންވާ ޖާގަ ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި އެޑިޔުކޭޝަން މިނިސްޓްރީން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އިޝްތިހާރު އިޝްތިހާރު

މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުމުން، ސްކޫލުގެ ދަންފަޅިތަކަށް ލުއިފަސޭހަކަން ލިބި، އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ސްކޫލުން ދެކެއެވެ. އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫޢުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ޙަވާލުކުރުމަށެވެ.