ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މާލޭ ކޯޓް ކޮންޕްލެކްސް އިމާރާތުގެ ބިންގާ އަޅައިފި އެވެ.
މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި މި އިމާރާތުގެ ބިންގާ އަޅައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ.
އުއްތަމަފަނޑިޔާރުގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަބްދުﷲ މުއްޠަލިބް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖީލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛު ޙުސްނީ މުބާރަކް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔާރޑް) އަޙްމަދު ސަޢުދީ ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާ އެވެ. މި މަސައްކަތް އެ ކުންފުނިން 720 ދުވަސްތެރޭގައި ނިންމާނެ އެވެ.
މާލެ ކޯޓް ކޮމްޕްލެކްސް އިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކްރިމިނިލް ކޯޓް، ސިވިލް ކޯޓް، ފެމިލީ ކޯޓް، ޑްރަގް ކޯޓް، ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ބޭނުންވާ ޖާގަ ތަރައްޤީ ކުރެވިގެންދާނެ އެވެ.
ކޯޓްތަކަށް އެކަށީގެންވާ ޖާގަ ނެތުމަކީ ޖުޑީޝަރީގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިއީ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ ބޮޑު މައްސަލަ އެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.