ގދ. ފަރެސްމާތޮޑާގެ ބަނދަރު އަޕްގްރޭޑް ކުރުމާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން، އައު ހާބަރ ބޭސިން ފުންކުރުމުގެ އޮޕަރޭޝަންތައް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މީގެއިތުރުން އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށްކަމަށް އެމްޓީސީސީން ބުންޏެވެ.

ފަރެސްމާތޮޑާއަކީ އެއާޕޯޓެއް އޮންނަ ރަށަކަށް ވުމާއެކު، ބަނދަރުގެ ބާރު ބޮޑުވެ ޖާގައިގެ ދަތިކަން އެ ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ. އަދި އެރަށަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ ރަށަކަށް ވާތީ، ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މި މަޝްރޫޢަށް ޚާއްޞަ އިސްކަމެއް ދީފައެވެ.

މި މަޝްރޫޢުގެ ދަށުން 465,726 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 300 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން 1,462 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކައި 733 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމާއި، 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. މީގެއިތުރުން، 9,206 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢަކީ 226.18 މިލިޔަން ރުފިޔާއަށް 780 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ފަރެސްމާތޮޑާއަކީ މި ސަރުކާރުން އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހިންގަމުން އަންނަ ރަށެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެރަށުގައި 18 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ހިއްކި ސަރަޙައްދު ޙިމާޔަތް ކުރުމުގެ ގޮތުން 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުތައް ނިމުމުން ފަރެސްމާތޮޑާގެ އިޤްތިޞާދަށާއި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.