ގދ. ފަރެސްމާތޮޑާއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުގެ އަށާރަ ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢަކީ ފަރެސްމާތޮޑާގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި 142.67 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 270 ދުވަސްތެރޭގައި މުޅިން ނިންމުމަށެވެ.
މި މަޝްރޫޢުގެ ދަށުން އަށާރަ ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ހަ ސަތޭކަ ވިހި މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ އެ ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެކެވެ.

އަސްލު ވަކި ދެ ރަށެއްގެ ގޮތުގައި އޮތުމަށްފަހު 2007 ވަނަ އަހަރު އެއްފަސްކުރި ފަރެސް އަދި މާތޮޑާ ގުޅުވާލުމަށް މީގެ ކުރިން ކުރިއަށްގެންދިޔަ ހިއްކުމުގެ މަޝްރޫޢުގައި ދެ ރަށް ދެމެދު ނުގުޅި ފަނަރަ ވަރަކަށް ހެކްޓަރުގެ ސަރަހައްދެއް އޮތެވެ. މިހާރު ފެށިގެން ކުރިއަށްދާ މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ މި ސަރަހައްދު އެއްކޮށް ހިއްކައި ދެ ރަށް ފުރިހަމައަށް ގުޅުވާލުމެވެ.
އާބާދީގައި ގާތްގަނޑަކަށް 1900އެއްހާ މީހުން ދިރިއުޅޭ ފަރެސްމާތޮޑާގެ ބިމުގެ ދަތިކަން ހައްލުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ލިބުމުގެ އިތުރުން، ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ ޖާގަވެސް ތަނަވަސްވެގެންދާނެއެވެ.








ކިޔުންތެރިންގެ ހިޔާލު