ރާއްޖޭގައި އަލަށް ތައާރަފުކުރި ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، ޕޭޕަލް މެދުވެރިކޮށް މިހާތަނަށް ރާއްޖެއަށް 100،000 (އެއްލައްކަ) އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އެތެރެކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އެ ޕްލެޓްފޯމްގައި 4،800 އަށް ވުރެ ގިނަ ދިވެހިން ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި މި ޚިދުމަތް ރާއްޖޭގައި ފެށި ފަހުން، ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު، އުރީދޫ ފިންޓެކްގެ އެމް-ފައިސާ ޕްލެޓްފޯމާ ގުޅިގެންނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ޚިދުމަތް ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ އަދި މީގެ ސަބަބުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ، ދިވެހި ފްރީލާންސަރުންނަށާއި، އަމިއްލަ މަސައްކަތްތެރިން އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ގުޅި، ރާއްޖެއިން ބޭރުން ފަސޭހަކަމާއެކު ފައިސާ ބަލައިގަތުމުގެ ދޮރު ހުޅުވިގެން ދިޔުން ކަމަށެވެ. މިއީ ދިވެހި ވިޔަފާރިތައް ދުނިޔޭގެ ޑިޖިޓަލް އިގުތިސާދާއި ސީދާ ގުޅުވާލުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވެސް މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.
މީގެއިތުރުން، ޑިޖިޓަލް ޕޭމަންޓް ވަސީލަތްތައް މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވިޔަފާރިކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށާއި، މި ޕްލެޓްފޯމްގައި ރަޖިސްޓްރީވާ މީހުންނާއި ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ އަދަދު އިތުރުވަމުން ދިޔުމަކީ، އެންމެން ޝާމިލުވާ، ގުޅިލާމެހިފައިވާ ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.