ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ ބަހުސް ފަށައިފިއެެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލްއެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ އެ ބިލް ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން، ކޮންމެ މީހަކަށް ލިބޭ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ގާނޫނީ ހިމާޔަތް ކަށަވަރުކޮށްދިނުމުގެ ހައްގު ހިމާޔަތްކޮށްދިނުން ކަމަށެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ފަރުދުންގެ އަބުރު ރައްކާތެރިކޮށް ދެމެހެއްޓުމާ ދެމެދު އެކަށީގެންވާ ހަމަހަމަ ކަމެއް ގާއިމު ކުރުމާއި އަބުރާ ބެހެވުނު ފަރާތަކަށް އެކަމުގެ ހަގީގަތް ހާމަކުރުމުގެ ނުވަތަ ރައްދު ދިނުމުގެ ނުވަތަ އެކަމެއް އިސްލާހުކޮށްދިނުމުގެ ހައްގު ލިބިގެންވާކަން އެ ބިލްގައި ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައެޅުމަކީ ބިލުގެ މުހިންމު މަގުސަދެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
އަބުރާ ބެހުން ކަމަށް ބެލެވޭނެ ހާލަތުތައް ތަފްސީލުކޮށްދިނުމުގެ އިތުރުން، އަބުރާ ބެހެވޭ ފަރާތުގެ ކިބައިން މައާފަށް އެދުމާއި ބަދަލު ދިނުމަށް ހުށަހެޅުމުގެ ހަމަތައް ބިލުގައި ހިމަނާފައިވެއެވެ.
އަބުރާ ބެހެވުނު ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމާއި ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ އުސޫލުތައް ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައިވާގޮތުން، އިންޓަނެޓް ބޭނުންކޮށްގެން ހާމަކުރާ ލިޔުމެއްގައި ނުވަތަ ތައްޔާރުކޮށް ހިންގާ ވެބްސައިޓެއްގައި ނުވަތަ ސޯޝަލް މީޑިއާގައި ނުވަތަ ނެރޭ އޮންލައިން ނޫހެއްގައި ނުވަތަ ބްލޮގެއްގައި ނުވަތަ އެނޫންވެސް އިންޓަނެޓް މެދުވެރިކޮށް އާންމުކުރާ އެއްޗެއްގައި ނުވަތަ ވަސީލަތެއްގައި، ވަކި ފަރާތެއްގެ އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއުކޮށްގެން ނުވަތަ ހިމަނައިގެން ނުވާނެއެވެ.
ބިލުގައިވާގޮތުން އަބުރާ ބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތުގެ އަބުރަށް ލިބުނު މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ، އެ ގެއްލުމުގެ ކުޑަ ބޮޑު މިނަށް ބަލައި 50,000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
ދަންޑްހިލު