ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ ތެރެއިން ރަސްމީ ބޭންކިން ނިޒާމަށް މިހާރު ވަންނަނީ އެންމެ 65 އިންސައްތަ ކަމަށާއި، ސެންޓްރަލް ބޭންކް (އެމްއެމްއޭ) ގެ އަމާޒަކީ ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ޖަމާކުރުމާއި މާރުކުރުން ހަރުދަނާކުރުމަށް ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިން މޮނިޓަކުރުމުގައި ހުރި ގޮންޖެހުންތައް ޙައްލުކޮށް، އެތެރެވާ ހުރިހާ ޑޮލަރެއް ނިޒާމަށް ވެއްދުމަށް އެމްއެމްއޭއިން ކުރާ މަސައްކަތްތައް އަންނަ އަހަރު އިތުރަށް ހަރުކަށި ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަހަރަކު 5.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، ރަސްމީ ބޭންކިން ނިޒާމަށް ވަންނަނީ އޭގެ ތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރެވެ. ނަމަވެސް، ރާއްޖެއަށް ލިބޭ ހުރިހާ ޑޮލަރެއް ނިޒާމުގެ ތެރެއަށް ވަންނަނަމަ، އެއީ ރައްޔިތުންގެ ބޭނުންތަކަށް އެކަށީގެންވާ ވަރަށްވުރެ ވެސް އިތުރު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަން ޙައްލުކުރުމުގެ ގޮތުން ރިސޯޓުތަކާއި ވިޔަފާރިތަކުގެ އާމްދަނީ ޖަމާކުރުމަށް ވަކި ޚާއްޞަ އެކައުންޓެއް ބަހައްޓަން މިހާރު އަންގާފައިވާނެ ކަމަށާއި، އެކަން ގާތުން ބަލަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، މީރާގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް 50 ވަރަކަށް ރިސޯޓުން ކަމަށެވެ. އެހެންކަމުން މިއީ ފައިދާ ނުވަނީތޯ ނުވަތަ އެހެން މައްސަލައެއް އުޅެނީތޯ ބަލަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މިއަހަރަށްވުރެ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު ކުޑަނަމަވެސް، ޑެފިސިޓް ބޮޑުވުމުގެ ސަބަބުން ދަރަނި އިތުރުވަމުންދާތީ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ބަޖެޓު ފައިނޭންސް ކުރުމުގައި އެތެރޭގެ ބާޒާރުގެ ބަދަލުގައި ބޭރުން ފައިނޭންސިންގ ހޯދުމަށް ސަރުކާރަށް ލަފާއަރުވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އިޤްތިޞާދީ ހާލަތާއި ހިނގަމުންދާ ހަނގުރާމަތަކުގެ އަސަރު ރާއްޖޭގެ ޓޫރިޒަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު އަދި އަސާސީ މުދަލުގެ ދާއިރާއަށް ކުރުމުން، މިއަހަރުގެ ޖީޑީޕީ ކުރިން ލަފާކުރި މިންވަރަށްވުރެ ދަށްކޮށް މުރާޖަޢާކުރަން ޖެހުނު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެހެންނަމަވެސް، ވައިގެ ދަތުރުފަތުރުގެ ގުޅުންތައް (ކަނެކްޓިވިޓީ) ފުޅާވެ، ދައުލަތުން މާކެޓިން ކެމްޕޭނުތައް އިތުރަށް ހަރުދަނާ ކުރަމުންދާތީ، އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.