ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބޮޑު ކަންނެލި ޕެކިންގ ފެސިލިޓީގެ ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަޝްރޫޢަށް ބޭނުންވާ 25،000 އަކަފޫޓުގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއި މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކަންނެލި ޕްރޮސެސްކޮށް ބަންދުކުރުމަށް މިފްކޯއިން ތަރައްޤީކުރާ މި ފެސިލިޓީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) ގެ ލޯނު އެހީއާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މީގެކުރިން ކަނޑުއޮތްގިރީގައި އެޅުމަށް ނިންމި މި ކާރުޚާނާ ހުޅުމާލެއަށް ބަދަލުކުރީ، އެ ސަރަޙައްދުން ބިން ހަމަޖެހުމާ ގުޅިގެންނެވެ.

މި ފެސިލިޓީއަކީ ދުވާލަކު 35 ޓަނުގެ މަސް ޕްރޮސެސްކޮށް ބަންދުކުރުމުގެ ޤާބިލުކަން ހުންނާނެ، އަދި ޖުމްލަ 100 ޓަނުގެ ކެޕޭސިޓީ ހިމެނޭ ޒަމާނީ ފެންވަރުގެ ތަނެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް މިއަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު "އޭއައި ޕްރައިވެޓް ލިމިޓެޑް" އާ ވަނީ ޙަވާލުކޮށްފައެވެ. މިހާރު އެ ބިމުގައި ފެންސް ޖެހުމުގެ މަސައްކަތް ނިމިފައިވާއިރު، ކުރިއަށްދަނީ ޢިމާރާތުގެ ޑިޒައިނިންގ މަރުޙަލާއެވެ.

އިޝްތިހާރު އިޝްތިހާރު

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް އެންމެ ބޮޑު ދެ ކަންބޮޑުވުމަކީ އެސްޓީއޯގެ އަގުގައި ތެޔޮ ނުލިބުމާއި، މަސް ޕެކްކުރާނެ އެކަށީގެންވާ ފެސިލިޓީއެއް ނެތުން ކަމަށެވެ. މީގެ ތެރެއިން ތެލުގެ މައްސަލައަށް 2024 ވަނަ އަހަރުގެ ޖުލައި މަހު ސަރުކާރުން ދާއިމީ ޙައްލެއް ހޯދައިދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭގެ މި ފެސިލިޓީ ނިމުމުން، މަސް ޕެކްކުރުމަށް އޮތް ދަތިތަކަށްވެސް ފުރިހަމަ ޙައްލެއް ލިބި، ރާއްޖެއިން ބޭރަށް ކަންނެލި އެކްސްޕޯޓްކުރާ ފަރާތްތަކަށާއި މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.