ކ. ދިއްފުށީގައި އެމްޓީސީސީން ކުރިއަށްގެންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތަކުގެ ޝަޓަރިންގ އެޅުމާއި ކޮލަމް ޝަޓަރިންގ އަދި ބާރ ބެންޑިންގ މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ ދިއްފުށީގެ ޒުވާނުންނާއި ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށް ބާރުއެޅުމަށާއި، ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން، މި ސެންޓަރު ވެގެންދާނީ ދިއްފުށީގެ ރައްޔިތުންނަށް އެއްފުރާޅެއްގެ ދަށުން ކަސްރަތުކުރުމާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ލިބިގެންދާނެ ޒަމާނީ މަރުކަޒަކަށެވެ.
އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ވީހާވެސް އަވަހަކަށް މި މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިންމުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.